އިނގެރޭސިވިލާތުގެ ސަރުކާރާއި ގުޅިގެން ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރަނީ
އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީއާއިއެކު ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނީ ލަފާދިނުމަށް ޕޮލިސް ސާވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގެން މަސައްކަތް ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ދައުވަތަކަށް މިމަހު 13 އިން 19 އަށް ހިއު އޯރޑް ރާއްޖެއަށް ކުރައްވާ ދަތުރުގައި ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ފުލުހުންގެ އިދާރާގައި އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ހަމަޖެހިފައިވާކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ޒިޔާރަތުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހިއު އޯރޑް ރިޕޯޓެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓްގައި ފުލުހުންގެ އިދާރާ ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭނެއެވެ.
އެގޮތުން، ގާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ހިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދައުވާ އުފުލުމާއި، އަދި އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިންނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް