ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި ލޯގޯ ނަހަމަ ގޮތުގައި ބޭނުންކޮށް ޢާންމުންނަށް އޮޅުވާލުމުގެ ބޭނުމުގައި ފޭސްބުކް ޕޭޖެއް ހިންގަމުންދާކަން ފާހަގަކޮށް އެ ޕޭޖާ މެދު ސަމާލުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕޭޖުގައި ސީއެމްޑީއޭގެ ނިޝާނާއި ބްރޭންޑިންގެ އިތުރުން އެ އޮތޯރިޓީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންވެސް ބޭނުންކޮށްފައިވެއެވެ. ނަމަވެސް އެ ޕޭޖަކީ ސީއެމްޑީއޭއިން ހަދައި ހުއްދަ ދީ ތާއީދުކޮށް ނުވަތަ ހިންގާ ޕޭޖެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ އެ ޕޭޖާ ގުޅިގެން ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް ނުވަތަ ވިޔަފާރީގެ މުޢާމަލާތެއް ހިންގުމަށް އެއްވެސް ފަރާތަކަށް ހުއްދައެއް ދީފައި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓާ ގުޅޭ ޞައްޙަ މަޢުލޫމާތު ހޯދުމަށް އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ބާރު އަޅާފައިވެއެވެ.
މިފަދަ އޮޅުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ އޮތޯރިޓީން މިހާރުވެސް އަޅަމުންދާ ކަމަށް ސީއެމްޑީއޭއިން ބުނެފައިވާ އިރު މީސްމީޑިއާ މެދުވެރިކޮށް ހިންގާ ޝައްކުކުރެވޭ ކަންކަން ފެނިއްޖެ ނަމަ އެ އޮތޯރިޓީއަށް ރިޕޯޓުކުރުމަށްވެސް ސީއެމްޑީއޭއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް