ގައިދީންގެ އުޖޫރަ ބޮޑުކުރަން ނިންމައިފި
ރާއްޖޭގެ ޖަލުތަކުގައި އެކި ކުށްތަކުގެ ހުކުމް ތަންފީޒް ކުރަމުން ގެންދާ ފަރާތްތަކުން ހުކުމުގެ މުއްދަތުގައި ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް މިހާރު ދެވޭ އުޖޫރައަކީ އާދަޔާހިލާފް ކުޑަ އުޖޫރައެއް ކަމަށެވެ.
ގައިދީންގެ އުފެއްދުންތެރިކަން ދައްކާލުމަށް ބޭއްވި މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގޮތުގައި ގައިދީންނަށް ލިބޭ އުޖޫރަ ބޮޑުކުރުމަށް މަގު ތަނަވަސް ކުރައްވާނެ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި ރައީސް ސޯލިޙްގެ ސަރުކާރުގެ ތަސައްވަރަކީ ހުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ކުޑަކުރުން ކަމަށެވެ. އެކަން ހާސިލް ކުރުމަށް ތަފާތު އެކި ހުނަރުތަކާއި، މަސައްކަތްތައް ދަސްކޮށްދިނުމަށް އިތުރު ޕްރޮގްރާމްތައް ވެސް ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހުޅުވި ގައިދީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިޙްގެ ދެކަނބަލުން ވެސް ވަޑައިގެންނެވިެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް