ތިން ދީނީ އިލްމުވެރިއެއްގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ދިވެހިރާއްޖޭގައި ދީނީ ތަގުރީރުދިނުމާއި ވައުޘު ބުނުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުއްދަ ދޫކޮށްފައިވާ ތިން ފަރާތެއްގެ ހުއްދަތައް ހިފަހައްޓައިފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހުއްދަ ހިފަހައްޓާފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު އަދި އެ ގާނޫނުގެ ދަށުން ހިމެނިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާާއިދުގެ ދަށުންނެވެ.
މި ގާނޫނާއި ގަވާއިދުގެ ދަށުން ވަގުތީގޮތުން ހުއްދަ ހިފަހައްޓާފައިވާ ފަރާތްތަކަކީ ނ.ޅޮހީ/މަނަދޫގެ އަބްދުއްރަހީމް މުހައްމަދު، ސ.މީދޫ ޖައުފަރު ފާއިޒު އަދި ގދ.ތިނަދޫ/ރެޑްސީ މުހައްމަދު ހަސަނެވެ.
މީގެ ތެރެއިން އަބްދުއްރަހީމާއި ޖައުފަރު ފާއިޒުގެ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި، އަނިޔާވެރި ލާއިންސާނީ ދަށު ދަަރަަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަ ދެއްކުމާއި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދައްކަމުން އަންނާތީ ކަމަށެވެ.
އަދި މުހައްމަދު ހަސަންގެ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުން އުފެދޭނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާއި މެދު ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި، ދަންނަ ބޭކަލުންގެ އިޖްމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭ ގޮތަކީ ދީނުގައި ހަމައެކަނި އޮތްގޮތްކަމަށް ހަދައި، އެގޮތަށް ބާރުއަޅައި ވާހަކަ ދައްކައި، ސޯޝަލް މީޑިޔާގައި މައުލޫމާތު ފަތުރަމުންދާތީއެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިއީ މުހައްމަދު ހަސަންގެ ހުއްދަ ހިފެހެއްޓި ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް