ބަންދުގެ މުއްދަތު ޖަހަން ހުުޅުމާލޭ ކޯޓަށް ގެންދިއުން ގޯސް: ޝަމީމް
ބައެއްގެ ބަންދުގެ މުއްދަތު ޖެހުމަށްޓަކައި ހުޅުމާލޭ މެޖިސްްޓްރޭޓް ކޯޓަށް ގެންދިއުމަކީ ގަވާއިދާއި ޚިލާފުކަމެއްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ފުލުހުން ޓެގް ކުރައްވާ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކުރާ މީހުންގެ އިޖުރާއަތްތަކާއި ޚިލާފަށް ހުޅުމާލޭ ކޯޓަށް ބައެއްގެ ބަންދުގެ މުއްދަތު ޖެހުމަށް ހުށައެޅީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
ގާނޫނުގައި ވާގޮތުގައި ކުށުގެ ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހަކީ އަށާރަ އަހަރުން މަތީގެ ފަރާތެއް ކަމުގައިވާނަަމަ 24ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވެންވާނެ ކަމަށެވެ. އެއީ މާލޭ ސަރަހައްދުގައި ނަމަ ކްރިމިނަލް ކޯޓެވެ.
އަދި އަތޮޅުތެރޭ ކަމުގައިވާނަމަ އެ ރަށެއްގައި ހުންނަ މެޖިސްޓްރޭޓް ކޯޓެވެ.
ޝަމީމް އިތުރަށްވަނީ ފުލުހުންގެ މިއަމަލު ނުހުއްޓުވީ ކީއްވެތޯ ޕީޖީގެ ކިބައިން ސުވާލު އުފައްދާފައެވެ.
މި ޓްވީޓްގައި ޝަމީމް އިޝާރާތްކުރައްވާ ބަންދުގެ މުއްދަތާއި ބެހޭ މައްސަަަލައަކީ ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެތި ފެނިގެން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެެއް ހައްޔަރުކުރި މައްސަލައެވެ.
އެއީ މަންމައަކާއި އޭނާގެ ދަރިފުޅުކަން އެނގިފައިވެއެވެ.
އެ ދެމީހުން އެެންމެ ފުރަތަމަ ހައްޔަރު ކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:10 އެވެ.
އެއަށްފަހު ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުން ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެެރެފައިވާ ކޯޓް އަމުރުގެ އެއް ސޮފްހާ ފިޔަވައި އެހެން ސޮފުހާތަކުގައި ގާޒީގެ ސޮއި ނެތުމުން، އެމީހުން ހައްޔަރުކޮށްފައި ވަނީ ނުބައި އިޖުރާއަތެއްގެ މަތިން ކަމަށް ވަނީ ކޯޓުން ބުނެފައެވެ. އަދި އެހެންކަމުން އެ ދެފަރާތް ވަނީ ދޫކޮށްލާާފައެވެ.
އެ ދެމީހުން ދެވަނަ ފަހަރަށް ހައްޔަރު ކުރީ ދެމީހުން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ ގެއިން ރޭ ދަންވަރު 3:17 އެހާކަންހާއިރު ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
މިފަަހަރުވެސް އެ ދެމީހުން ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށް ބުނެއެވެ. ނަމަވެސް މިފަހަރު އެފަރާތްތައް ދޫކޮށްލީ ހުޅުމާލޭ ކޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް