އައިޖީއެމްއެޗްގެ ޓެކްސީ ކިއު: ފަސޭހައަކަށްވުރެ ބޮޑަށް ތުރާލަކަށް!
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލޭގައި ހުންނަ އައިޖީއެމްއެޗްއަކީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކުން ބޭސްފަރުވާ ހޯދުމަށް ޖަމާވަމުންދާ ހޮސްޕިޓަލެކެވެ. އައިޖީއެމްއެޗްއިން ހިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށް ދައުލަތުން ވަނީ އެކިއެކި ހިދުމަތްތައް ގާއިމްކޮށްދީފައެވެ. އެގޮތުން އައިޖީއެމްއެޗްގެ ބޭރުގައި ޓެކްސީ ހޯދުމަށް ފަސޭހަކޮށްދިނުމަށް ވަނީ ޓެކްސީ ސްޓޮޕެއް ގާއިމްކޮށްދީފައެވެ.
ނަމަވެސް އާންމުންގެ ފަސޭހައަކަށް ގާއިމްކޮށްފައިމިވާ ޓެކްސީ ސްޓޮޕަކީ އާންމުންނަށް ބުރަޔަކަށް ވެފައިވާކަމަށްބުނެ ގިނަ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.
އެގޮތުން މި ޓެކްސީ ސްޓޮޕް ގާއިމްކޮށްފައިވަނީ ބީއެމްއެލްގެ އޭޓީއެމްތައް ކައިރީގައި ކަމުން ޓެކްސީތަކަށް ބާރުބޮޑުވާ ވަގުތުތަކުގައި އޭޓީއެމްއަށް ވަންނަ ދޮރުމަތީގައިވެސް އާންމުން ތިބެންެޖެހެއެވެ. މިކަމުގެ ސަބަބުން ބޭންކްގެ ޚިދުމަތްތައް ލިބިގަންނަން އަންނަ ފަރާތްތަކަށް ބައެއް ފަހަރު ދަތިތަކާއިވެސް ކުރިމަތިލާން ވަނީ ޖެހިފައެވެ.
މީގެ އިތުރުން އެ ޓެކްސީ ސްޓޮޕް ހުންނަ ސަރަަހައްދަކީ ނީށީނދެވޭ ހާލު، ހިޔާވެސް ނުވާ ތަނެއްކަމަށްބުނެ އާންމުންގެ ގިނަބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. މިކަމުގެ ސަބަބުން މުސްކުޅިންނާއި، ކުޑަކުދިންނާއި، ނުކުޅެދޭ ފަރާތްތައްވެސް ގިނަ އިރުވަންދެން އަވީގައި ތިބެން ޖެހޭކަން ފާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅިގެން ވޮއިސްއިން މާލޭ ސިޓީ ކައުންސިލާއި ސުވާލުކުރުމުން، ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މަގުމަތި ހިޔާ ކުރާ ގޮތަށް އަދި ރޭވިފައިނުވާކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލާއި ވޮއިސްއިން ސުވާާލުކުރުމުން އެފަރާތުން ބުނީ ޓެކްސީ ސްޓޮޕް ހިޔާކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި ނަމަވެސް އެއީ މަގުމަތިކަމުން މާލޭ ސިޓީ ކައުންސިލާއި އިތުރު މަޝްވަރާތައް ކުރަމުންދާކަމަށެވެ.
ގިނަ ފަރާތްތަކުން މި ޓެކްސީ ސްޓޭންޑާއި މެދު ޝަކުވާ ކުރަމުންދާއިރު، އެކަމާއި މެދު ސަރުކާރުން އަވަސް ފިޔަވަޅެއް އެޅުމަށް ގިނަބަަޔަކު ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް