މަޑުއްވަރީގައި ނުވަ ގެއެއްގައި ދިރިއުޅޭ ވިހި ކުއްޖެއްގެ ހާލު ބަލައިފިން: ޖެންޑާ
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ހިންގާ އޮޕަރޭޝަނުގެ ދަށުން، މިހާތަނަށް ނުވަ ގެއެއްގައި ދިރިއުޅޭ ވިހި ކުއްޖެއްގެ ހާލަތު ބަލައިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މި އޮޕަރޭޝަންގައި ޖެންޑާ މިނިސްޓްރީގެ ދައުރަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކުންނާއި ރާއްޖެ ބައިވެރިވެފަައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި، އެފަދަ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުން ކަމަށެވެ.
ޖެންޑާއިން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި މިހާތަނަށް ނުވަ ގެއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލައިފައިވާ ކަމަށެވެ. އެކުދިންގެ އާއިލާއާ މަޝްވަރާކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ނުވަ ގެޔަކަށް ޒިޔާރަތްކޮށް، ހަތަރު ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން، އާއިލާގެ އެއްބާރުލުމާއެކު ދީފައިވާކަމަށް ޖެންޑާއިން ބުނެއެވެ.
އަދި އާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ މާހައުލެއް ނެތްކަން ފާހަގަކުރެވޭ އެއް ކުއްޖަކު، އެކުއްޖާގެ އާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް