ޑރ. އަފްރާޝީމާ މެދު ސަލަފުން ނެރުނު ގަރާރުގައި ސޮއިކުރި އިލްމުވެރިންގެ ތެރޭގައި އިމްރާން
ޑރ. އަފްރާޝީމް އަލީއާ މެދު ދީނީ ގޮތުން ހިޔާލު ތަފާަތުވުންތަކެއް ހުރުމުން ޖަމުއިއްޔަތުއް ސަލަފުން ނެރުނު ގަރާރުގެ މައްޗަށް އިގުރާރުވި އިލްމުވެރިންގެ ތެރޭގައި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ހިމެނެއެވެ.
ޑރ. އަފްރާޝީމު އަލީ އާ މެދު ސަލަފުން ގަރާރު ނެރުނީ ދިނީ ބައެއް ކަންކަމުގައި އަފްރާޝީމު ދެކެވަޑައިގަންނަވާ ގޮތާއި އެހެން އިލްމުވެރިން އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް ތަފާތު ވުމުންނެވެ.
އެގޮތުން 10 ޖުލައި 2008 ގައި ސަލަފުން ޑރ. އަފްރާޝީމާއި މެދު ނެރުނު ގަރާރުގައި އިގުރާރުވެ 16 އިލްމުވެރިޔަކު ސޮއިކުރެއްވި އިރު އެބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނެއެވެ.
އިލްމުވެރިން ސޮއިކުރެއްވި ގަރާރުގެ ކޮޕީއެއް ''ވޮއިސް'' އަށް ވަނީ ލިބިފައެވެ.
ސަލަފުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލަފުގެ ރައީސް ވިދާޅުވީ އެ ގަރާރާއި އަފްރާޝީމުގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ސަލަފުގެ އެގަރާރާއި ގުޅިގެން އެޖަމުއިއްޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމުއިއްޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ވަނީ ނިންމާފައެވެ. ދެން އެރިޕޯޓު ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
ގަރާރުގެ ސަބަބުން އެޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ނިންމި އިރު މިސަރުކާރުގެ ހޯމް މިނިސްޓަރު އަދި ގަރާރުގައި ސޮއިކުރެއްވި އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ އިލްމު ފެތުރުމާއި ހައްދު ފަހަނައަޅާ ދިޔުމުގެ އަމަލުތަކަކީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ވިދާޅުވީ އިސްލާމް ދީނުގެ ދައުވަތު ފެތުރުމަކީ، ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނައަޅާފައިވާ އަމަލުތަކާ ގުޅުވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް