ދިވެހިންނަށް ލިބިފައިވާ ހިތްހަމަޖެހުމަކީ ތާރީޚުގެ މުއްސަނދިކަން: ނައިބު ރައީސް
ދިވެހިންނަށް ލިބިފައިވާ ހިތްހަމަޖެހުމަކީ ދިވެހި ތާރީޚުގެ މުއްސަނދިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ޝަހީދުންގެ ހަޔާތުން ދައްކުވައިދީފައިވާ އަގުހުރި ފިލާވަޅުތައް ސްކޫލްތަކުގައި ކިޔަަވައިދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިހިރަ ފިލާވަޅުތަކަކީ މިއީ ތާރީޚުން އަޅުގަނޑުމެންނަށް ދައްކުވައިދީފައި ހުރި އަގުހުރި ފިލާވަޅުތައް އަޅުގަނޑުމެންގެ ސްކޫލް ކުދިންގެ ތެރޭގައި މިއަދު، ސްކޫލް ކުދިންނަށް ދެވި، އެކަންކަން ދަސްކުރެވި، އޭގެ މައްޗަށް ލިޔެވެން އެބަޖެހޭ. އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމަކަށް މިވަނީ އަޅުގަނޑުމެންގެ ތާރީޚު. ތާރީޚުގެ މުއްސަނދިކަން"، ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް ބޭނުންވަނީ އެކުވެރިކަމާއި، އެއްބައެއްވަންތަން ބާއްވައި ޤައުމާއިގެން ކުރިއަށްދިއުންކަމަށެވެ. އަދި ހެޔޮގޮތުގައި ފިޔަވަޅުތައް އަޅައިފިނަމަ، އެކަމުގެ ކާމިޔާބު އިރާދަކުރެއްވިއްޔާ މިންވަރު ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު މިރޭ އިތުރަށް ވިދާޅުވީ ބަވަނަވަމުންދާ ދުނިޔޭގައި ގުޅުންތައް ބެހެއްޓުމުގައި ދިވެހިން ސަމާލުވާންވީ ކަންތައްތަކެއް އެބަހުރިކަމަށެވެ.
"މިއަދު ބަވަނަވެފައިވާ ދުނިޔެއެއްގައި، ތަފާތު އެކި އޮއިވަރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އާދެ، އަޅުގަނޑުމެންގެ ގުޅުން ބަދަހިކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެން އެބަޖެހޭ. އާދެ، ތާރީޚުގެ ތެރެއަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި އޮތީ މިފަދަ ހާދިސާތައް ހިނގުމުގައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ، ގޯސްތަކެއް ހަދާފައި އޮތްކަން. އެއީ މިއަދު އަޅުގަނޑުމެން ސަމާލުވާންވީ ކަންކަން"، ފައިސަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް