"މަނިކަރްނިކާ" ގެ ކާމިޔާބީއަށްފަހު ކަަންގަނާ ދެން ޑައިރެކްޓް ކުރާނީ އޭނާގެ އަމިއްލަ ބަޔޯޕިކް!
ބޮލީވުޑް އެކްތްރެސް ކަންގަނާ ރަނާވަތް އަކީ އޭނާގެ ކެރިއާރ ފެށުނީންސުރެވެސް، ތަފާތު މިޒާޖަކާއި އާދަޔާ ޚިލާފު ހުނަރުތަކެއް މެދުވެރިކޮށް ފޭނުންގެ ސަމާލުކަން ހޯފައިފައިވާ ފަންނާނެކެވެ.
ބޮލީވުޑްގައި ބޮޑެތި މައްސަލަތަަކާއި މެދު އަޑުއުފުލަން ފަސްޖެހެން ނުދަތުމުގެ ސަބަބުން އޭނާގެ ކެރިއަރަށް އެކި ފަހަރުމަތިން ބުރުއަރާފައިވިނަމަވެސް، އާދައިގެ ދިރިއުޅުމަކުން ފިލްމުކުޅުމުގެ ތެރެއަށް ވައިން ކަންގަނާއަކީ މިހާރު ބޮލީވޫޑްގައި ޙަރަކާތްތެރިވާ އެންމެ ފުންނާބު އުސް އަންހެން ތަރިންގެ މެދު ގުނާލެވޭ ފަންނާނެކެވެ.
އޭނާގެ އެންމެ ފަހު ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ބޮކްސް އޮފިސް ގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާއިރު، އެ ފިލްމުގެ ލީޑް ރޯލް ކުޅުމުގެ އިތުރުން ޑައިރެކްޝަންގަވެސް ހަރަކާތްތެރި ކަންގަނާއަށް ވަނީ ގިނަ ބައެއްގެ ތަޢުރީފު އަމާޒުވެފައެވެ.
ދެން އެންމެ އަވަހަށް ޑައިރެކްޓް ކުރާނީ އޭނާގެ އަމިއްލަ ދިރިއުޅުމަށާއި ކެރިއަރުގެ މައްޗަށް ތައްޔާރުކުރާ ބަޔޯޕިކް ކަމަށް ކަންގަނާ ވަނީ ދާދި ފަހުން މީޑިއާތަަކަށް ކަށަވަރުކޮށްދީފައެވެ. އަދި މި ފިލްމު ވެގެންދާނީ އެއްވެސް ހާލެއްގައި ކަންގަނާ އަމިއްލައަށް މާ މޮޅު މީހެއްގެ ގޮތުގައި ދައްކުވައިދޭނެ ޕްރޮޕަގެންޑާ ފިލްމަކަށް ނޫން ކަމަށާއި، އޭނާ އުއްމީދު ކުރަނީ ފިލްމުން އޭނާގެ ޙަޔާތުގައި ދިމާވި މުހިންމު މީހުންގެ އިތުރުން ކުރިމަތިލާންޖެހުނު ދަތިތަކުގެ މައްޗަށް އަލިއަޅުވާލުމަށްކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ކަންގަނާގެ މި ބަޔޯޕިކް ގެ ސްކްރިޕްޓް ލިޔުމުގެ ކަންތައް މިހާރު ދަނީ ކުޅަދާނަ ސްކްރީން ރައިޓާރ ވިޖެޔަންދްރަ ޕްރަސާދްގެ ބެލުމުގެ ދަށުން ކުރިއަށެވެ. އޭނާއަކީ މީގެ ކުރިން ކާމިޔާބު ޕްރޮޖެކްޓްތަކެއް ލިޔެފައިވާ، ކަންގަނާގެ އެންމެ ފަހު ފިލްމް "މަނިކަރްނިކާ" ވެސް ލިޔުއްވި ފަރާތްކަން ފާހަގަކޮށްލެވެއެވެ.
ބޮލީވުޑް ގައި ގިނަ ބަޔަކު ތިބީ "ހިތް-މޭކާރ" ކަންގަނާ ދެން ހުށަހަޅަދޭނީ ކޮންކަހަލަ ޕާރފޯރމެންސް އެއްތޯ ބެލުމަށް ކެތްމަދުވެފައެވެ. އަދި "މަނިކަރްނިކާ" އަށް ފަހު ކަންގަނާގެ އެކްޓިންގް އަދި ޑިރެކްޓިންގް ހުނަރަށް ތަޢުރީފްކުރާ ފަރާތްތަކުގެ ލިސްޓުގައި ބޮލީވުޑްގައި ކަރީނާ ކަޕޫރް ޚާން ފަދަ ނަން މަޝްހޫރު ތަރިންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް