ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ތިން މެންބަރަކު އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ތިން މެންބަރަކު އައްޔަންކޮށްފިއެވެ.
މި މަގާމަށް އެފަރާތްތައް އައްޔަންކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މިއަދު އައްޔަންކުރެވިފައިވަނީ އެ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުންނެވެ.
މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި 3 ބޭފުޅުންނަކީ:
1. ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ގެލަ އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު
އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް – އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. މިއަދާ ހަމައަށް ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.
2. ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދު
އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ލޯސް – އެލް.އެލް.ބީ. ލޯ، ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވައި، ޤާނޫނީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
3. ގަލޮޅު އޮށްޓަރު އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު
އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރަކީ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ އިން މާސްޓަރ އިން ބިޒްނެސް ލޯ ވިތް އެމްޕްލޯއިމެންޓް އެންޑް ހިއުމަން ރިސޯސަސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު މީގެ ކުރިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމާއި، ސުޕްރީމް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ޤާނޫނީ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ތިން ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރެއްވުން އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް