ގައުމީ ޓީމްގެ އާ ޖާރޒީ ބީއެމްއެލްއިން ދައްކާލައިފި
ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ބީއެމްއެލްގެ ފަރާތުން ދައްކާލައިފިއެވެ.
މި ޖާރޒީއަކީ، ގައުމީ ޓީމްގެ ޖާރޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީއެވެ.
ސަތޭކައަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދީ ޝާޒިފް އާދަމްއެވެ.
މި ޖާޒީ ފުރަތަަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގައެވެ.
ޖާޒީ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާޒިފްއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ 25،000 ރުފިޔާގެ އިނާމެއް ދީފައެވެ.
ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައިވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ 'ރެޑް ސްނެޕަރ' ނުވަތަ ރަތްމަހެވެ. މިއަދު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.
ގައުމީ ޓީމްގެ އާ ޖާޒީ އާ ގުޅޭ ގޮތުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ 2017 އިން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ފަހުރުވެރި ސްޕޮންސަރކަމަށާއި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއްކަމަށެވެ.
"އަދި މި މުއްދަތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން އުފާކުރަން"، އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް