ސުއޫދު ވާހަކަދެއްކީ ރާއްޖޭގެ އަދުލުގެ ނިޒާމާއި މެދު ނަފުރަތުއުފައްދަން: ކްރިމިނަލް ކޯޓް
މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަަލަތައް ބެލުމަށް އުފެއްދި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުގައި ގޭންގްތަކުގެ ނުފޫޒުއޮތްކަމަށްބުނެ ދެއްކެވި ވާހަކަފުޅުތަަކަކީ ރާއްޖޭގެ އަދުލުގެ ނިޒާމާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފައްދުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއްކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
އެކޯޓުން މިހެން ބުނެފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސުއޫދު ވިދާޅުވީ ގޭންގު ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި ގޭންގުތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިކަމަށް ރައްދުދެމުން ކްރިމިނަލް ކޯޓުން ބުނީ ސުއޫދުކޮށްފައިވަނީ ނުރައްކާތެރި ބޮޑު ޖިނާއީ ތުހުމަތުތަކެއްކަމަށާއި އެއީ ރާއްޖޭގެ އަދުލުގެ ނިޒާމާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ޝަރުއީ ނިޒާމުގެ ހުރުމަތް ގެއްލުވާލައި، ކޯޓުގެ ބާރު ކަނޑުވާޅުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމުގައި އެކޯޓުން ދެކޭކަމަށެެވެ. އަދި މިއީ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް ދެއްކުމުގެ ގޮތުން ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތައްގެ ގޮތުގައި އެކޯޓުން ވަނީ ސިފަކޮށްފައެވެ.
އެބަޔާނުގައިވަނީ ކޯޓާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނެހެން ކުރާ އެފަދަ ކަންކަން ކްރިމިނަލް ކޯޓުން ބަލަމުންދާނެ ކަމަށްބުނެ އިންޒާރުދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް