ރިޟްވާންގެ މައްސަލަ އޮޅުވާލުމަށް އޭރުގެ ސަރުކާރުން މަސައްކަތްކުރި: ސުއޫދު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލަ އޮޅުވާލުމަށް އޭރުގެ ސަރުކާރުން މަސައްކަތް ކުރިކަމަށް ގެއްލުވާލާފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްްދަލުވުމެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ހުޅުމާލޭން މީހަކު ރަހީނު ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް 24 ޖޫން 2014ގައި ލިބިފައިވީ ނަމަވެސް، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އަދި އެކަމަށް ލޯންޗެއް ތަޔާރުކުރިކަން ވެސް ފުލުހުންނަށް އެނގުނުކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ރިޟްވާން ގެއްލުނު މައްސަލައާއި ގުޅިގެން އެކަމުގެ ތަހުގީގު އޮޅުވާލުމަށް އޭރުގެ ސަރުކާރުން މަސައްކަތް ކުރިކަމަށް ސުއޫދު ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެ މައްސަލައިގެ ތަހުގީގު އޮޅުވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަހީނަކު ބޭނުންކޮށް ފުލުހުން އެކި ތަންތަަނަށް ގެންދިޔަކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރިޟްވާން ގެއްލުމުން އޭނާ ސީރިޔާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތްކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ޕޮލިސް އިންޓެލްގެ ދެ މީހަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާ ބައްދަލުކޮށް އެކަމަށް މަޝްވަރާކުރި. ހަސަން އަލީ ވަނީ އެކަމަށް ބަޔާނެއް ވެސް ދެއްވާފައި"، ސުއޫދު ހާމަކުރެއްވިއެވެ.
އޭގެ ފަހުން ރިޟްވާާންގެ ޕާސްޕޯޓް ކޮޕީއެއް ހޯދަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތްކުރެއްވިކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދައުވާ އުފުލިދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް