މީދޫއަށް އެންމެ ބޭނުންވާ މަޝްރޫއުތަކުގެ މައުލޫމާތު ރައީސްއަށް އަރުވައިފި
ދ.މީދޫއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއަށް އެރަށު ކައުންސިލަރުން އަރުވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި މީދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢޫލޫމާތު ރައީސް ސޯލިހުއާއި ޙިއްޞާކުރައްވާފައެވެ.
އެގޮތުން އެރަށުގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރުމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމާއި، މިހާރު ބޭނުންކުރާ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމމާ އަދި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރައީސަށް އެރުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.
އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް