Advertisement

މާޗު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި

މޯލްޑިވްސް ޒަކާތު ހައުސް ގެ ވެބްސައިޓް ލޯންޗުކުރުން/ ފޮޓޯ: މިނިސްޓްރީ

މިދިޔަ މާރޗު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ޢާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓުން ދައްކާ ގޮތުގައި ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ 59 މީހަކަށް ޖުމުލަ 878،682.88 ޚަރަދުކޮށްފައިވެއެވެ. މިއީ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޢަދަދަށް ވުރެ 28 އިންސައްތަ އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން މައިގަނޑުގޮތެއްގައި ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. 

ޒަކާތު ހައުސްގެ ރިޕޯޓުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

ޒަރޫރީ އެހީގެ ގޮތުގައި، މިދިޔަ މާރިޗު މަހު ޚާއްޞަ ޙާލަތްތައް މެދުވެރިވެފައި ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 

މީގެއިތުރުން އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ  ޚަރަދުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާފައިވަނީ 18 ޑިސެމްބަރ 2023 ގައެވެ. މޯލްޑިވްސް ޒަކާތު ހައުސް އުފައްދަވާފައިވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމުގެ މަޤުސަދުގައެވެ.

Advertisement

ކޮމެންޓް