Advertisement

އެމްޑީއެންގެ ރިޕޯޓް ސިޔާސީ ހަތިޔާރަކަށް ދަނީ ބޭނުންކުރަމުން: ރައީސް ނަޝީދު

22 Oct 2019 | 12:42

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓްގެ މައްސަލަ ބައެއް ފަރާތްތަކުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް މިހާރު ގިނަ ފަރާތްތަކަކުން ބޭނުންކުރަމުން ގެންދަނީ މި ސަރުކާރަށް ސިޔާސީ ގޮތުން ހަމަލާ ދިނުމުގެ ހަތިޔާރެއްގެ ގޮތުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓާއި ގުޅިގެން މީހުންގެ ލޭ ހުއްދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ރިޕޯޓުގެ ވާހަކަ ދައްކަމުންދަނީ ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވާ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުމުގެ ނިޔަތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހިރާއްޖެއަށް ދިމާވެފައި މިވާ ޙައްސާސް މައްސަލަ ރައްޔިތުންނަށް ފާހަގަކޮށްދޭން ބޭނުންވޭ. އެހެން ޤައުމުތަކަށް މީހުން ހަނގުރާމައަށް ފޮނުވާ، އެ ފޮނުވާ މީހުން، އެކަންކަމުގެ ތަހުގީގު ކުރިއަށްދާތީ، އެ ތަހުގީގުތަކަށް ހުރަސް އެޅުވުމަށް، ހަމަ މިދެންނެވި ސީރިއާއަށް ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކުން އެހެން ރިޕޯޓެއްގެ ވާހަކަ ދައްކައި، އެކަން ފެންމަތިކޮށް، ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުން ދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓުގައިވާ ދީނާއި ޚިލާފު ވާހަކަތައް ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރަނގަޅު ބައެއް ވާހަކަތައް ފާހަގަނުކުރުމުގެ ސަބަބުން ރިޕޯޓްގެ އަސާސް ގެއްލިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް