މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
ދިވެހިންގެ މިނިވަންކަން މިއަދު ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ޖުހާދުން ފިލާފަޅު ލިބިގަންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ. ނަ
ޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައްދުކުރައްވަމުން ރައީސް ވަނީ މިދުވަހާއި ގުޅޭ ޅެމެއް ހިއްސާކުރައްވައި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 3 ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައެވެ. މި
ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސްރީލަންކާގެ ތަމަޅައިންގެ ޓެރަރިސްޓުންގެ ބަޔަކާއި ބައެއް ދިވެހިން ގުޅިގެން މާލެ ހިފުމަށް ދިން އުދުއާނީ ހަމަލާއާ ގުޅިގެން އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުން ލިބުނު ނަސްރު ފާހަގަކުރުމަށެވެ. އެދުވަހު ދިވެހި ސިފައިން ވަނީ ވަރަށް ހުށިޔާރުކަމާއެކު، ޓެރަރިސްޓުންނާ ކުރިމަތިލާފައެވެ. ދިވެހި ސިފައިންގެ ތެރެއިން ބަޔަކާއި ބައެއް އާންމުން އެދުވަހުގެ ހަމަލާގައި ޝަހީދުވެ ދިޔަނަމަވެސް، ދިވެހި ސިފައިން އެދުވަހުގެ ހަމަލާތަކާ ކުރިމަތިލާފައިވަނީ، ވަރަށް ސާބިތުކަމާއެކުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް