މީހަކު ފޮތް ކިޔަނީ
މީހަކު ފޮތް ކިޔަނީ
ދުނިޔެ 21 Sep 2026 | 04:13

ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.

"ރީޑް އެސްޖީ" ގެ ނަމުގައި ސިންގަޕޫރުގެ ނޭޝަނަލް ލައިބްރަރީ ބޯޑް (އެންއެލްބީ) އިން އިސްނަގައިގެން ކުރިއަށްގެންދާ ފަސް އަހަރު ދުވަހުގެ މި ޤައުމީ ހަރަކާތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ސެޕްޓެމްބަރު 6 ގައެވެ. މި ޕްރޮގްރާމަކީ ޑިޖިޓަލް ވަސީލަތްތަކާއި ކުރު ވީޑިއޯތަކަށް ޢާންމުންގެ ސަމާލުކަން ހުއްޓިފައިވާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހައްލެއް ހޯދައި ފޮތް ކިޔުމުގެ އާދަ ދިރުވުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ދުވާލަކު މަދުވެގެން 15 މިނެޓް ވަންދެން ފޮތް ކިޔަން ޖެހެއެވެ. އަދި އެ މީހަކު ފޮތް ކީ ވަގުތު، ސަރުކާރުގެ "ކްރައުޑްޓާސްކް އެސްޖީ" ޕްލެޓްފޯމް މެދުވެރިކޮށް ރެކޯޑު ކުރަން ޖެހެއެވެ. ޝަރުތު ހަމަވާ ކޮންމެ ސެޝަނަކަށް 20 ވާޗުއަލް ކޮއިން ލިބޭއިރު، ދުވާލަކު ރެކޯޑު ކުރެވެނީ އެންމެ ސެޝަނެކެވެ. މިގޮތަށް 1،000 ކޮއިން އެއްކުރުމުން އެއް ސިންގަޕޯ ޑޮލަރަށް ބަދަލުކުރެވޭނެއެވެ. އެހެންކަމުން އެއް ޑޮލަރު ހޯދުމަށް 50 ދުވަހު ފޮތް ކިޔަން ޖެހޭނެއެވެ. މިއީ ބޮޑު މާލީ މަންފާއެއް ހޯދުމަށް ވުރެ ބޮޑަށް، ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް ދެވޭ ކުޑަ ހިތްވަރެކެވެ.

މީގެ އިތުރުން، ފޮތް ކިޔުމުގެ ސިލްސިލާ ދެމެހެއްޓުމާއި އަމިއްލަ ލަނޑުދަނޑިތައް ހާސިލުކުރުން ފަދަ ޝައުޤުވެރި ކަންކަން މި ޕްލެޓްފޯމުގައި ހިމަނާފައިވެއެވެ. އަމާޒަކީ ދަތުރުފަތުރުގެ ވަގުތުތަކުގައާއި، ބަސް އަންނަންދެން މަޑުކުރާ ވަގުތު ނުވަތަ ހެނދުނުގެ ކޮފީ ބޯ ވަގުތު ފަދަ ހުސްވަގުތުތަކުގައި ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމެވެ.

މި ކެމްޕޭނަކީ ސިންގަޕޫރުގެ ޤައުމީ ފޮތް ކިޔުމުގެ މަހާ ގުޅުވައިގެން ހިންގޭ ހަރަކާތެކެވެ. އޭގެ ތެރޭގައި "ރީޑް ފޮރ ގުޑް" ހަރަކާތާއި ފޮތް ހަދިޔާކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ވެސް ހިމެނެއެވެ.

މާހިރުން ދެކޭގޮތުގައި، ދުވާލަކު 15 މިނެޓުގެ ކުޑަ ވަގުތުކޮޅެއް ފޮތް ކިޔުމަށް ހޭދަކުރުމުން، ދިގު މުއްދަތަކަށް ފޮތް ކިޔުމުގެ އާދަ ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް