ހުކުރު ދުވަހުގެ މެޗަށް ހާޒިރުވި ރެފްރީއެއް، މުސާރާ ނުދޭތީ ރެފްރީން ވަނީ މުބާރާތް ބޮއިކޮޓުކޮށްފައި
ހުކުރު ދުވަހުގެ މެޗަށް ހާޒިރުވި ރެފްރީއެއް، މުސާރާ ނުދޭތީ ރެފްރީން ވަނީ މުބާރާތް ބޮއިކޮޓުކޮށްފައި
ކުޅިވަރު 04 Nov 2022 | 17:58

ރެފްރީންނަށް މުސާރަ ނުދޭނީ މުބާރާތެއް ހުއްޓުމަކަށް، އެފްއޭއެމް ހަނު!

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 12 އަހަރުންދަށުގެ މުބާރާތުގެ މެޗުތަކުގެ ރެފްރީންނަށް މުސާރަ ނުދިނުމުގެ ސަބަބުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅެން އޮތް މެޗުތަކަށް ހާޒިރުވީ އެންމެ ރެފްރީއެކެވެ. ބާކީ އެއްވެސް ރެފްރީއެއް ނުފެނެއެވެ.

ނަން ހާމަނުކުރުމަށް އެދި "ވޮއިސް" އާއި ވާހަކަދެއްކި ރެފްރީއެއް ބުނީ އެފްއޭއެމުން އެ ރެފްރީންނަށް ދޭން އެއްބަސްވި މުސާރަ އަދިވެސް ނުދޭކަމަށާއި ކޮންމެ ފަހަރަކު އެފްއޭއެމުން މެޗުތަކަށް ރެފްރީން ގެންނަނީ ދޮގު ހަދާފައި ކަމަށެވެ.

"މިހެން މިކަން ވާތާ ކިތަންމެ ދުވަހެއް، އަހަރެމެން މި މުބާރާތަށް އެއްބަސްވީ މުސާރަ ހަމަޔަށް ދޭނެކަމުގެ ޔަގީންކަން ދިނީމަ، އަހަރެމެންގެ އާއިލާއެއް އޮވޭ، ކުއްޔަށް މި އުޅެނީ، ހިލޭ ސާބަހަށް މިވަރުގެ ކަމެއް ނުކުރެވޭނެ، ދަރިން ނުކައި ނުބޮއެ އެ ތިބެނީ، އެފްއޭއެމުން މިކަމަށް އެބަޖެހޭ ޒިންމާދާރުވާން" މެޗުތަކަށް އަންނަ ރެފްެރީއެއް ބުންޏެވެ.

އެހެން ރެފްރީއެއް ވާހަކަދައްކަމުން ބުނީ އެފްއޭއެމްގެ އިސް ވެރިއަކު މެޗު މައްސަލައަށް ފަހު ހުކުރު ދުވަހުގެ މެންދުރުފަހު ރެފްރީގެ އިސް ފަރާތްތަކަށް ވާހަކަދައްކަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ ރެފްރީން އެކައްޗެއް ކިޔުމުން ކަމަށެވެ.

"ރެފްރީން ތިބީ ޕެންޑިންގ ފައިސާ ދިނީމަ މެޗުތައް ފަށަން، އަނެއް ބަޔަކު ތިބީ ދުވަހު އުޖޫރައަށް މިކަން ކުރަން، ހިލޭ ދެން ކުރުން ނިމުނީ" ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީއެއް ބުންޏެވެ.

މެޗު ކެންސަލްކޮށްފައި ވަނީ އެ މެޗުތައް ކުޅޭ ޓީމުތަކާއި އެ ޓީމުތަކުގެ ކުޅުންތެރިންގެ އާއިލާތައް ދަނޑަށް ދިޔަ ފަހުންނެވެ. ބައެއް ބެލެނިވެރިން ވަނީ މިކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޓުވާޑްސް ފިއުޗާއޭ ކިޔާފަ އަހަރެމެންގެ ދަރިންނަށް މި ދިނީ ކިހާބޮޑު ދެރައެއް، ވަރަށް ދެރަވެފަ ހުރީ ގެއަށް އައި އިރު، އޭނަ މުޅި ދުވަސް ދިޔައީ އެ މެޗަށް ތައްޔާރުވާން، މިހެން ކަންތައް ވީމަ ބުނާނެ އިތުރު އެއްޗެއް ނެތް" ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިއަކު ވޮއިސް އާއި ވާހަކަދައްކަމުން ބުންޏެވެ.

އެފްއޭއެމް މިވަގުތު އޮތީ މާލީ ފުން ވަޅުގަނޑެއްގެ ތެރޭގައެވެ. އެންމެ ފަހުން ސީޒަން ނިމުމުގެ ކުރިން މީޑިއާތަކާ ވާހަކަދެއްކި އެ އިދާރާގެ ރައީސް ވަނީ ދޮގު ހަދާފައެވެ. އެ ފަހަރު ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގަިއ މައްސަލަ ހައްލުވެ އެފްއޭއެމް އަށް ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް ބުނެފައެވެ.

މިހާރު ސިވިލް ކޯޓުގައި އޭޑީކޭއިން ވަނީ އެފްއޭއެމުގެ މައްސަލައެއް ހުށައަޅާފައެވެ. 1.7 މިލިއަން ރުފިޔާ ދައްކަން އެ އިދާރާގެ މައްޗަށް ހުކުމް ކުރިއިރު، އެ އިދާރާގެ ކަރަންޓު ބިލުވެސް ނުދައްކާ އޮތުމުން ވަނީ ކަނޑާޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް