އިންޑޮނޭޝިއާއަށް އެތެރެވި ރޮހިންޔާގެ ރެފިއުޖީން-- ފޮޓޯ: އޭޕީ
އިންޑޮނޭޝިއާއަށް އެތެރެވި ރޮހިންޔާގެ ރެފިއުޖީން-- ފޮޓޯ: އޭޕީ
ދުނިޔެ 07 Jan 2025 | 05:10

ރޮހިންޔާގެ 260 އަށްވުރެ ގިނަ ރެފިއުޖީން އިންޑޮނޭޝިއާއަށް އެތެރެވެއްޖެ

މިޔަންމާގެ ރޮހިންޔާ ނަސްލުގެ 260 އަށްވުރެ ގިނަ ރެފިއުޖީން އިންޑޮނޭޝިއާއަށް އެތެރެވެއްޖެއެވެ.

އަޗޭ އޮންލައިން ގައިވާ ގޮތުގައި، އިންޑޮނޭޝިޔާގެ އެންމެ އިރުމަތީގައިވާ އަޗޭ ޕްރޮވިންސްއަށް 264 ރޮހިންޔާ ރެފިއުޖީން އެތެރެވެފައިވަނީ ކަނޑުމަގުންނެވެ.

އެ ރަށުގެ ފުލުހުންގެ އިސްވެރިޔާ ސޫރިޔާ ދަރުމާ ވިދާޅުވި ގޮތުގައި، މި ދެ އުޅަނދުގެ މަޢުލޫމާތު ލިބިފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މަސްވެރިންނަށެވެ.

ދަރުމާ ވިދާޅުވި ގޮތުގައި އެ މީހުން އިރުމަތީ އަޗޭގެ ޕެއުރެއުލަކް ޓިމުރު ސަރަޙައްދުގައިވާ ރޮހިންގިޔާ ރެފިއުޖީންގެ ކޭމްޕަށް ބަދަލުކުރެވޭނެއެވެ.

ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުވެސް އަޗޭގެ އައްސޭރިފަށުން ފެތެމުންދިޔަ އުޅަނދަކުން އިންޑޮނޭޝިޔާގެ މަސްވެރިންތަކެއް 116 ރޮހިންޔާ ރެފިއުޖީން ވަނީ ސަލާމަތްކޮށްފައެވެ.

އިންޑޮނޭޝިއާގެ އިތުރުން، މެލޭޝިއާއަށް ވެސް ރޮހިންޔާގެ ނަސްލުގެ މީހުން އެތެރެވާން މަސައްކަތްކުރަމުންދާއިރު، ހުކުރު ދުވަހު، މެލޭޝިޔާގެ އިސްވެރިން ވަނީ މިފަދައިން އެތެރެވުމަށް މަސައްކަތްކުރި 196 ރޮހިންޔާ ރެފިއުޖީން ހިފަހައްޓާފައެވެ.

ރޮހިންޔާ ދަރިފަސްކޮޅުގެ މީހުން، އެމީހުންގެ މައި ޤައުމު މިޔަންމާއިން ފިލައިފައިވަނީ ޖަންޓާ ވެރިކަމުންނާއި އެހެނިހެން ހަތިޔާރުއެޅި ގްރޫޕްތަކުން ލިބެމުންދާ އަނިޔާތަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. މިގޮތުން، އިންޑޮނޭޝިޔާއަކީ، ބަންގްލަދޭޝްގެ އިތުރުން، އެމީހުން އަނިޔާއިން ސަލާމަތްވުމަށް ކަނޑުމަގުން ދަތުރުކުރާ މައިގަނޑު މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް