ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ: ރައީސް
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ކަނބަލުންގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިޙް މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކަނބަލުން ސެޓްފިކެޓް ހާސިލްކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ މަތީ މަގާމުތަކުގެ ޒިންމާތައް އަދާކުރެވޭ ފެންވަރުގެ އަންހެނުން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. އެހެންވެ އެ ފުރުސަތު މިހާރަށް ވުރެ އަންހެނުންނަށް ފަހިވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައިޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި ގައުމީ ޔުނިވާސިޓީ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.
"މިރޭ ދަސްވެނިވާ ދަސްވެނީންގެ 78.2 އިންސައްތައަކީ، އަންހެނުން. މިއީ އަޅުގަނޑު ވަރަށް އުފާކުރާ ވަރަށް އުންމީދީ ކަމެއް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވަނީ ތައުލީމީ މައިދާނުގައި ކުރިއަރައިގެން ދާ ހަލުވިމިނުގައި، ޙަޔާތުގެ އެހެން މައިދާންތަކުގައިވެސް އަންހެނުން ކުރިއަށް ދިއުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ޤައުމުގެ މަތީ މަޤާމުތަކަށް، އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް