N/A
N/A
ވާހަކަ 06 Apr 2023 | 10:21

ވާހަކަ: ފަގީރު ޞަހާބީއެއް ކުރެއްވި ހޭދަ

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ވަރަށް ފަގީރު ޞަހާބީއެއް ދިރިއުޅުއްވިއެވެ. އެ ޞަޙާބީ އަކީ އަދާކުރައްވާނެ ވަޒީފާއެއް ނެތް ބޭކަލެކެވެ. އަތުގައި އެއްވެސް މުދަލެއްވެސް ނެތެވެ. އެހެންނަމަވެސް، الله ގެ މަގުގައި ހޭދަކުރައްވަން ނުހަނު ބޮޑަށް ބޭނުންވެވަޑައިގެންނެވިއެވެ. މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔުމުގެ ކުރިން الله ގެ މަގުގައި ކޮންމެވެސް އެއްޗެއް ހޭދަކުރައްވަން ހިތުގައި ޢަޒުމް ކަނޑައެޅުއްވިއެވެ.

އެހެންކަމުން، ވަޒީފާއެއް ހޯއްދެވުމަށް މަސައްކަތް ފެއްޓެވިއެވެ. އެތަކެއް ތަނަކަށް ހިންގަވައިގެން ލިބިލެއްވީ ޔަހޫދީއެއްގެ ދަނޑަށް ފެން ދިނުމުގެ ވަޒީފާއެވެ.

ދަނޑަށް ފެން ދެއްވުމަށް ރޭނގަޑުގެ ހަތަރު ދަމުހެން މަސައްކަތް ކުރެއްވިއެވެ. އެތަކެއް މީޓަރު ފުން ވަޅަކުން ދަތި ހާލުގައި ފެން ނަންގަވައި، އެ ފެން، ބޮޑު ކަދުރު ދަނޑަކަށް ދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އެފަދަ ބުރަ މަސައްކަތެއް، އެފަދަ ދަތި ހާލުގައި ކުރެއްވުމުން، އެ ދަނޑު ތަކުގެ ވެރިއަކަށް ހުރި ޔަހޫދީ މީހާ، ޞަހާބީގެ އުޖޫރައެއްގެ ގޮތުގައި ދިނީ ދެ އަތަށް އަޅާލެވޭވަރުގެ ކަދުރު ކޮޅެކެވެ.

ދެން އެ ކުޑަ ކަދުރު ކޮޅު ހިއްޕަވައިގެން، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހަށް އެ ޞަހާބީ ވަޑައިގެންނެވިއެވެ. ވަޑައިގެން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ދެންނެވިއެވެ.

"އޭ الله ގެ ރަސޫލާ އެވެ. އަހަރެންވެސް اللهގެ މަގުގައި ހޭދަކުރަން ބޭނުމެވެ. ހޭދަކުރައްވަން މި ނޫން އެއްޗެއް އަހަރެންނަށް ނުލިބުނެވެ."

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އެ ޞަހާބީގެ ހިތުގައިވާ ތަޤުވާ ވެރިކަމާއި އިޚްލާޞްތެރިކަން ދެކެވަޑައިގެން، އެ ކަދުރުކޮޅު އެ ޞަހާބީގެ އަތުން ނަންގަވައި، އެތަނުގައި އެއްކޮށްފައިވާ މުދާތަކުގެ މައްޗަށް ކުޑަކޮށް ވިހުރުވާލެއްވިއެވެ. އެކަލޭގެފާނު އެކަން ކުރެއްވީ އެތަނުގައި އެއްވެ ތިބި އެންމެހައި ޞަޙާބީންގެ ކުރިފުޅު މަތީގައެވެ.

އެއަށްފަހުގައި ހަދީޘް ކުރެއްވި އެވެ.

"މި ހުރިހާ މުދަލަކަށްވުރެ، މި ކަދުރު ކޮޅަށް الله ސުބުޙާނަހޫވަތަޢާލާ ދެއްވާ ޘަވާބާއި އަޖުރު މާ ބޮޑުވެގެންވެއެވެ."

އިޚްލާޞްތެރި ނިޔަތަކާއިއެކު الله ސުބުޙާނަހޫވަތަޢާލާގެ މަގުގައި ހޭދަކުރުމުގެ މާތް ކަމާއި އެކަމުގެ އަޖުރު ހަމައެކަނި މި ހާދިސާ އިންވެސް އެނގިގެންދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް