އެމް-ފައިސާ މެދުވެރިކޮށް އޮޑިގޯ އެޕުން ދަތުރުތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި
އުރީދޫ ފިންޓެކުގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ، ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ދިވެހި އެޕް އޮޑިގޯއާ ގުޅާލައި، އެ އެޕް މެދުވެރިކޮށް ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގު ހުޅުވައިދީފިއެވެ.
މި ބަދަލާ އެކު، ފެރީ އަދި ސްޕީޑް ބޯޓުތަކުގެ ޝެޑިއުލްތައް ބަލައި، ލިބެން ހުރި ދަތުރުތައް އެއްކޮށް ކިޔާލައި، އެމް-ފައިސާ ވޮލެޓުން ސީދާ ފައިސާ ދައްކައި ބުކިންގް ފުރިހަމަކޮށްލެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. ބުކިންގް ކަށަވަރުވުމާ އެކު ޑިޖިޓަލް ބޯޑިންގް ޕާހެއް ވެސް ލިބޭނެއެވެ.
އުރީދޫ ފިންޓެކުގެ މޯލްޑިވްސް ކަންޓްރީ ހެޑް އަހުމަދު ނުއުމާން ވިދާޅުވީ، އުރީދޫގައި އެމް-ފައިސާއާ މެދު އަޅުގަނޑުމެން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ.
އަދި އެ ކުންފުނި ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭން ކަމަށެވެ.
”އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުންނެވެ. މީގެ އިތުރުން، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތެވެ." ނުއުމާން ވިދާޅުވިއެވެ.
އޮޑިގޯ އެޕަކީ ރަށްރަށުގެ ދަތުރުފަތުރުގެ ބުކިންގްގެ އިތުރުން، ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރު ބެލުމާއި، އުޅަނދުތަކުގެ ވެރީންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅުވައިދިނުމާއި، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ ތަކެތި ހިމެނޭ މާކެޓްޕްލޭސް އެއް ވެސް ހިމެނޭ ޕްލެޓްފޯމެކެވެ. އެ އެޕުގައި ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓެއް ކަމަށްވާ "އޮޑިމެޕް" އާއި ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ފޯރުކޮށްދޭ "ނަކަތް" ވެސް ހިމެނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް މިހާރު ވެސް ފައިސާ ފޮނުވުމާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ބިލް ދެއްކުމާއި، މޮބައިލް ރީޗާޖުކުރުން ފަދަ ޚިދުމަތްތައް ލިބެއެވެ. މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު ޕޭޕަލް ގުޅާލައި، ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް އުރީދޫން ވަނީ ހުޅުވާލައިފައެވެ. އޮޑިގޯ އެޕް އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް