އުރީދޫ މެދުވެރިކޮށް ގޫގުލް ޕިކްސެލް ފޯނުތަކަށް 5ޖީ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް އުރީދޫ މެދުވެރިކޮށް 5ޖީގެ ހަލުވި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިއާއެކު، ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓްގެ ސްޕީޑް މަތިވެ، މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ފުރިހަމަވެގެންދާނެއެވެ.
ނޮވެންބަރު މަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ހިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުންކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެއެވެ.
މި އައު އަޕްޑޭޓާއެކު ގޫގުލް ޕިކްސެލްގެ ގިނަ މޮޑެލްތަކަކަށް މި ހިދުމަތް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10، އަދި ޕިކްސެލް 11 ސީރީޒްގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، ޕްރޯ ފޯލްޑް އަދި ޚިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒްގެ ފޯނުތައް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްވަންދެން އެދެމުންދިޔަ ކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންގެ އަޑުއަހައި އެފަދަ ކަންކަން ފަހިކޮށްދިނުމަކީ އުރީދޫއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުން، ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކުރުމަށްފަހު ނެޓްވޯކް ސެޓިންގްސްއިން 5ޖީ އެނޭބަލް ކޮށްލުމުން އުރީދޫގެ 5ޖީ ކަވަރޭޖް ލިބޭ ސަރަހައްދުތަކުން މި ހިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވެން ފަށާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް