މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ބޭންޑެއް
މަސްޖިދުލް ޙަރަމަށް އަޅުކަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމީހުންގެ އަތުގައި އަޅާނެ ޚާއްޞަ ސޭފްޓީ ބްރޭސްލެޓް ނުވަތަ އަތުގައި އަޅާ ހާއްސަ ބޭންޑެއް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތަކީ ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް އޮތޯރިޓީން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޙަރަމްފުޅު ފަދަ މީހުން ގިނަ ތަނެއްގައި އުޅޭއިރު، އާއިލާއާ ނުވަތަ އެކުގައި އުޅޭ މީހުންނާ ވަކިވާ ހާލަތްތަކުގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުން ފަސޭހަކުރުމެވެ. މި ބްރޭސްލެޓްތަކުގެ ސަބަބުން، އެފަދަ ހާލަތެއް މެދުވެރިވާ މީހަކު ފެނިއްޖެ ނަމަ، އެއީ ކޮންބައެއްކަން ވަގުތުން ދެނެގަނެ، އެމީހުންގެ އާއިލާއަށް ގުޅައި ހަވާލުކުރުމުގެ މަސައްކަތް ޙަރަމްފުޅުގެ މުވައްޒަފުންނަށް އަވަސްވެގެންދާނޭކަމަށް ދެ ހަރަމްގެ އިންތިޒާމްތައް ބަލަހައްޓާ އޮތޯރިޓީން ބުނެއެވެ.
މި ޚިދުމަތް ފޯރުކޮށްދެނީ ޙަރަމްފުޅުގައި ގާއިމުކޮށްފައިވާ "ގެސްޓް ކެއަރ ސެންޓަރު" ތައް މެދުވެރިކޮށް ހިލޭސާބަހަށެވެ. މި ބްރޭސްލެޓްތަކުގައި އެ މީހަކީ ކާކުކަން އަންގައިދޭ މުހިންމު މަޢުލޫމާތާއި ގުޅޭނެ ނަންބަރުތައް ހިމަނާފައި ހުރެއެވެ. މީގެ ސަބަބުން ޙަރަމްފުޅުގެ ގޯތިތެރެއާއި އެތެރޭގައި އުޅޭއިރު ޒިޔާރަތްތެރިންގެ މެދުގައި އޮންނަ ބިރުވެރިކަން ކުޑަވެ، އިތުރު ރައްކާތެރިކަމެއް އިހުސާސް ކުރެވޭނެއެވެ.
ޖެނެރަލް އޮތޯރިޓީން ހާމަކުރި ގޮތުގައި، މިއީ އިންސާނީ އެހީތެރިކަމާއި ރައްކާތެރިކަމަށް އެ އިދާރާއިން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން ﷲ ގެ ގެކޮޅަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް، އެއްވެސް ނުތަނަވަސްކަމެއް ނެތި ހިތްހަމަޖެހުމާއެކު އަޅުކަމުގެ ކަންކަން ފުރިހަމަކުރުމުގެ މަގު ފަހިވެގެންދާނޭކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް