އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
އިންޑޮނޭޝިޔާގެ ފްލޮރެސް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސައުދީ ޢަރަބިއްޔާއިން ފޯރުކޮށްދޭ ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ކުރިއަށް ގެންދަނީ ސައުދީ ރަސްގެފާނުގެ އެހީދޭ މައި އިދާރާ ކަމަށްވާ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭ.އެސް ރިލީފް) އާއި، އިންޑޮނޭޝިޔާގެ ނޭޝަނަލް ބޯޑް އޮފް ޒަކާތް (ބަޒްނާސް) ގުޅިގެންނެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެހީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކަށް ކާބޯތަކެތީގެ 15،000 ޕެކޭޖުގެ އިތުރުން، ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި ހިމެނޭ 15،000 ކިޓް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ކޭ.އެސް ރިލީފުން ލަފާކުރާ ގޮތުގައި މި އެހީގެ ސަބަބުން ކާރިސާގެ އަސަރު ފޯރާފައިވާ 75،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ސީދާ ގޮތެއްގައި ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
މި އެހީގެ މައިގަނޑު މަގުސަދަކީ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ފޯރުކޮށްދީ، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކަށް އަވަސް ހައްލަކާއި ލުޔެއް ހޯދައިދިނުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް