މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ޔުނިވަރސިޓީގެ ލައިބްރަރީ އެފެއާޒް ޑިޕާޓްމަންޓްގެ ލިޔުމެއްގެ ގޮތުގައި އާއްމުވެފައިވާ "މަނާކުރެވިފައިވާ ލިޔުންތެރިންގެ ލިސްޓު" (قائمة بأسماء المؤلفين الممنوعين) ގެ ނަމުގައި ދައުރުވަމުންދާ މި ލިޔުމުގައި ގާތްގަނޑަކަށް 100 އެއްހާ ލިޔުންތެރިންގެ ނަން ހިމަނާފައިވެއެވެ. މި ލިސްޓުގައި އުސްތާޛު އަބުލް ޙަސަން ޢަލީ ނަދްވީ، އަބުލް އަޢުލާ މައުދޫދީ، ސައްޔިދު ޤުޠުބު، މާލިކް އިބްނު ނަބީ، ޔޫސުފުލް ޤަރަޟާވީ އަދި މުޙައްމަދު އަލްޣަޒާލީ ފަދަ ބޭފުޅުން ހިމެނެއެވެ.
މި ލިޔުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ސަޢޫދީގެ ދިރާސާވެރިއެއް އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރައްވާ ޢަބްދުالله އަލްޢައުދާ ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަމަވެސް، މި ލިޔުމަކީ އަސްލެއް ކަމެއް އަދި މި ފިޔަވަޅުތަކުގެ ތަފްޞީލެއް މިނިވަން އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ޔުނިވަރސިޓީން މިފަދަ ލިސްޓެއް ރަސްމީކޮށް ފާސްކޮށްފައިވޭތޯ ނުވަތަ މިއީ ވަކިވަކި ފޮތްތަކަކަށް އަމާޒުކޮށްފައިވާ ކަމެއްތޯ، ނުވަތަ މި ލިޔުންތެރިންގެ ހުރިހާ ފޮތްތަކެއް މަނާކުރި ކަމެއްތޯ އަދި ސާފުވާގޮތެއް ނުވެއެވެ.
ލިސްޓުގައި ހިމެނޭ އެހެނިހެން ފާހަގަކޮށްލެވޭ ޢިލްމުވެރިން
މި ލިސްޓުގައި އިސްލާމީ ދުނިޔޭގެ ތަފާތު ފިކުރުތަކާއި މަދަރުސާތަކަށް ނިސްބަތްވާ އެތައް ބޭފުޅުންނެއް ހިމެނެއެވެ. އޭގެ ތެރޭގައި މުޞްޠަފާ އައްސިބާޢީ، ޢަބްދުލްވައްހާބް ޚައްލާފް، ޢަބްދުލްޢަޒީޒް އައްޠަރީފީ، ސަފަރުލް ޙަވާލީ، ސަލްމާން އަލްޢައުދާ، ޢަވަޟް އަލްޤަރްނީ، ޠާރިޤް ރަމަޟާން، މުޙައްމަދު ބާޤިރުއްޞަދްރު، ރާޝިދުލް ޣަންނޫޝީ އަދި ޙަސަނުލް ބަންނާ ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިންނަކީ އިސްލާމީ ފިކުރާއި، ޢިލްމީ ދިރާސާތަކަށާއި، އިޖުތިމާޢީ އިޞްލާޙީ ޙަރަކާތްތަކަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ ބޭފުޅުންނެވެ. އަދި އިންޑިއާ، ޕާކިސްތާން އަދި ދެކުނު އޭޝިއާގެ އިތުރުން މުޅި އިސްލާމީ ދުނިޔޭގައިވެސް އެބޭފުޅުންގެ ފޮތްތައް ފުޅާދާއިރާއެއްގައި ކިޔަވައި ބަހުސްކުރެވެމުންދެއެވެ.
ޚާއްޞަކޮށް، އައްޝައިޚް އަބުލް ޙަސަން ޢަލީ ނަދްވީ އަދި އަބުލް އަޢުލާ މައުދޫދީ ފަދަ ބޭފުޅުންގެ ނަންތައް މި ލިސްޓުގައި ހިމެނުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެއީ އެ ދެބޭފުޅުންނަކީ މަދީނާ ޔުނިވަރސިޓީ އުފެދިގެން އައި ދުވަސްވަރު އެ ޔުނިވަރސިޓީއާ ވަރަށް ގާތް ގުޅުމެއް އޮތް އަދި އިސްލާމީ ދުނިޔެއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަޢޫދީގެ ޝަރަފުވެރި "ކިންގް ފައިޞަލް އިންޓަނޭޝަނަލް ޕްރައިޒް ފޯރ ސަރވިސް ޓު އިސްލާމް" ހާސިލުކުރައްވާފައިވާ ދެ ބޭފުޅުންނަށް ވާތީއެވެ.
ޔުނިވަރސިޓީގެ ތާރީޚުގައި އެހާ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންތަކެއްގެ ފޮތްތައް މަނާކުރަން ނިންމި ކަމަށް ބުނާ ބުނުމަކީ ބޮޑު ފުށުއެރުމެއްގެ ގޮތުގައި މުޙައްލިލުން ސިފަކުރެއެވެ. މި މައްސަލައިގައި މަދީނާ ޔުނިވަރސިޓީގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް