މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.
ފޮކްސް ނިއުސްގެ ކޮންޓްރިބިއުޓަރެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ކެރޮލައިން މިކަމަށް ގޮވާލީ، ވޮޝިންގޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ސްކްރީންޝޮޓެއް 'އެކްސް' ގައި ހިއްސާކުރަމުންނެވެ.
މި ރިޕޯޓަކީ އެމެރިކާގެ މަޝްހޫރު ޕިއު ރިސާޗް ސެންޓަރާއި ޕޯލެންޑްގެ ސެންޓަރ ފޮރ އެޑްވާންސްޑް ސްޓަޑީޒް އޮފް ޕޮޕިއުލޭޝަން އެންޑް ރިލިޖަން (ކެސްޕާ) ގުޅިގެން ހަދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެކެވެ.
މި ދިރާސާގެ އަންދާޒާތައް ދައްކާ ގޮތުން، 2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ މުސްލިމުންގެ އާބާދީ 2.57 ބިލިއަނަށް އަރާނެއެވެ. އަދި އެ މުއްދަތުގައި ކްރިސްޓިއަނުންގެ އާބާދީ ހުންނާނެ ކަމަށް ލަފާކުރެވެނީ 2.52 ބިލިއަންގައެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބަދަލެކެވެ. 2020 ވަނަ އަހަރު ދުނިޔޭގައި 2.27 ބިލިއަން ކްރިސްޓިއަނުން ތިބިއިރު، މުސްލިމުންގެ އާބާދީއަކީ 2.02 ބިލިއަނެވެ.
ޕިއު ރިސާޗުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ދެ ދީނުގެ އާބާދީވެސް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، މުސްލިމުންގެ އާބާދީ އިތުރުވާ ނިސްބަތް މާ ބޮޑަށްވެސް އަވަހެވެ. މި ތަފާތު ފެންނަ މައިގަނޑު ސަބަބަކީ މުސްލިމުންގެ މެދުގައި ދަރިން ވިހާ މިންވަރު މަތިވުމެވެ. ޕިއު ރިސާޗްގެ ސީނިއަރ ޑެމޮގްރާފަރ ކޮންރަޑް ހެކެޓް ވިދާޅުވި ގޮތުގައި، ދީން ބަދަލުކުރުމަށްވުރެ ބޮޑަށް އާބާދީއަށް އަންނަ ބަދަލުތަކުގެ އަސްލަކީ އުފަންވާ އަދި މަރުވާ މީހުންގެ ނިސްބަތެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނުން ވިހާ ކުދިންގެ ނިސްބަތް އެވްރެޖުކޮށް ހުރީ އަންހެނަކަށް 3.1 ގައެވެ. ނަމަވެސް ކްރިސްޓިއަން އަންހެނުންގެ މި ނިސްބަތް ހުރީ 2.5 ގައެވެ. އަދި އެހެނިހެން ދީންތަކުގެ އަންހެނުންގެ މެދުގައި މި އަދަދު ހުރީ އެވްރެޖުކޮށް 1.6 ގައެވެ. އާންމު ގޮތެއްގައި އާބާދީއެއް ހަމަހަމަކަންމަތީ ދެމެހެއްޓުމަށްޓަކައި އަންހެނަކަށް 2.1 ކުދިން މަދުވެގެން ނިސްބަތްވާން ޖެހެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމުންގެ އާބާދީ އިތުރުވަނީ ކްރިސްޓިއަނުންގެ އާބާދީ މަދުވެގެންނެއް ނޫނެވެ. ދެބައިމީހުންގެ އާބާދީވެސް ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެއެވެ. އެގޮތުން 2020 އާއި 2070 އާ ދެމެދު މުސްލިމުންގެ އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަނުންގެ އާބާދީއަށް އިތުރުވާނީ 792 މިލިއަން މީހުންނެވެ. އަދި 2070 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ މުސްލިމުންގެ އާބާދީ 3.6 ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށާއި، ކްރިސްޓިއަނުންގެ އާބާދީ އުޅޭނީ ތިން ބިލިއަނަށްވުރެ ދަށުގައި ކަމަށްވެސް މި ދިރާސާގައި އަންދާޒާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް