އުމުރުން ދުވަސްވީ ދެމީހުން-
އުމުރުން ދުވަސްވީ ދެމީހުން-
ދުނިޔެ 22 Nov 2026 | 10:07

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް ޕަޑުއާގެ ދިރާސާވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، 1992 އާއި 2024 އާ ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝާއިޢުކޮށްފައިވާ 21 ދިރާސާއެއްގެ މަޢުލޫމާތު ވަނީ އެއްކޮށް ތަޙުލީލުކޮށްފައެވެ. ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "ޕްލޮސް އޭޖިންގ އެންޑް ހެލްތު" ގައި ޝާއިޢުކުރި މި މެޓަ-އެނަލިސިސްގައި އުމުރުން 60 އަހަރާއި 104 އަހަރާ ދެމެދުގެ ޖުމްލަ 5،664 މީހުންގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި އީމާންތެރިކަމާއި ދިރިއުޅުމުގެ ފެންވަރާ ދެމެދު ވަރުގަދަ އަދި އެދެވޭ ގުޅުމެއް ވެއެވެ. ޚާއްޞަކޮށް އޭޝިއާ ސަރަޙައްދުގައި މި ގުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނުއިރު، ދެވަނައަށް އެފްރިކާ އަދި އެމެރިކާ ބައްރު ހިމެނެއެވެ. ނަމަވެސް، ޔޫރަޕްގެ ޤައުމުތަކުގައި ދީނާ ދުރު، ސެކިއުލަރ ދިރިއުޅުމަކަށް އިސްކަންދޭ މިންވަރު އިތުރުވުމުގެ ސަބަބުން މި ގުޅުން އެ ބައްރުގައި ނިސްބަތުން ކުޑަކަން ދިރާސާވެރިން ފާހަގަކުރެއެވެ.

ޕިއު ރިސާޗް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެންމެ ދީންވެރި ޤައުމުތައް ހިމެނެނީ މެދުއިރުމައްޗާއި، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގައެވެ. އެގޮތުން ބަންގްލަދޭޝް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި 90 އިންސައްތައަށް ވުރެ ގިނަ މީހުން ދީނަކީ ދިރިއުޅުމުގައި ވަރަށް މުހިންމު ބައެއްގެ ގޮތުގައި ދެކެއެވެ. މީގެއިތުރުން، އުމުރުން ދުވަސްވަމުންދާ ވަރަކަށް މީހުން ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވާކަން ވެސް ތަފާސްހިސާބުތަކުން ސާބިތުވެއެވެ.

ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ދީނީ އަދި ރޫޙާނީ ކަންކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ ހަމަޖެހުމާއި، އިޖުތިމާޢީ ގުޅުންތަކާއި، އަދި ދިރިއުޅުމުގެ މަޤްޞަދު ވަޒަންކުރަން ފަސޭހަވެގެންދެއެވެ. ޚާއްޞަކޮށް ވަޒީފާއިން ރިޓަޔަރވުމަށްފަހު ނުވަތަ ގާތްތިމާގެ މީހުން ވަކިވެދިއުމުން ކުރިމަތިވާ އެކަނިވެރިކަމާއި ހިތާމަތަކުން އަރައިގަތުމަށް އީމާންތެރިކަމަކީ ވަރުގަދަ ބާރެކެވެ.

މީގެއިތުރުން ދީންވެރި މީހުން މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުރަނގަޅު އާދަތަކާ ދުރުހެލިވުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

އދ. ގެ އަންދާޒާތައް ދައްކާގޮތުން 2070 ގެ އަހަރުތަކަށް ދާއިރު ދުނިޔޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 2.2 ބިލިއަނަށް އަރާނެއެވެ. އެހެންކަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް އެކަނިވެރިކަމަކީ ޞިއްޙީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ނިޒާމުތަކުގެ ތެރެއަށް ދީނީ އަދި ރޫޙާނީ ކަންކަން ހިމެނުމަކީ އެމީހުންގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް