އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.
އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ސިސްޓަމް، ފަހި ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 7،749 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މި ހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އޭގެ ތެރެއިން 6،746 މައްސަލައަކަށް ވަނީ އެކަށީގެންވާ ދާއިމީ ހައްލެއް ހޯދައިދެވިފައެވެ. މިއީ ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 87 އިންސައްތައެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ޢާންމުކޮށް ރައްޔިތުންގެ ފަރާތުން ހުށަހެޅިފައިވަނީ މެއިންޓެނަންސްއާ ގުޅުންހުރި ކަންކަމާއި ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތަކެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމާއި، ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކުގެ އިތުރުން ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ގިނަ ޚިޔާލުތަކެއް ލިބިފައިވާ ކަމަށްވެސް އެފްޑީސީން ބުނެއެވެ.
އެފްޑީސީން އިތުރަށް ބުނި ގޮތުގައި، މިހާރު ހައްލުނުކުރެވި ބާކީ ހުރި ކޭސްތައް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަންނީ ޓީމުތަކުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ކޮންމެ ވަގުތެއްގައިވެސް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ދޭނެ ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.
އެ ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެ ފަދަ އަމާން، ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ފަރާތުން ލިބޭ ކޮންމެ ހުށަހެޅުމަކަށް އަވަސް އަދި ހަރުދަނާ ޙައްލެއް ހޯދައިދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެފްޑީސީން ވަނީ ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް