ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ހިންގާ އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް ޒިހާން ހަސަން ބަންދުގައި ބެހެއްޓުމަށް ކޯޓުން ތިންވަނަ ފަހަރަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ ކުރިން ދީފައި އޮތް ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ޒިހާން ފުވައްމުލަކު ކޯޓަށް ހާޒިރުކުރުމުން 16 ދުވަހަށް ބަންދު އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީން ޒިހާން ހައްޔަރުކުރި ފަހުން ފުރަތަމަ ޖެހީ 15 ދުވަހުގެ ބަންދެކެވެ. އެ މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް ކޯޓަށް ގެންދިޔުމުން 14 ދުވަހުގެ އިތުރު މުއްދަތެއް ކޯޓުން ދިނެވެ.
ޒިހާން ހައްޔަރުކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ދައުލަތުގެ ތިން މުއައްސަސާއެއް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ، "އެކަން ކުރަން ވަރަށް މަޖާވާނެ" ކަމަށް ލިޔުނު ޕޯސްޓަކާ ގުޅިގެންނެވެ. ޕޯސްޓް ޖެހިތާ ގަޑިއިރެއް ތެރޭ ޒިހާން ވަނީ އެ ޕޯސްޓް ފުހެލައިފައެވެ.
މިހާތަނަށް ތިން ފަހަރެއްގެ މަތިން ޒިހާންގެ ބަންދަށް ޖުމްލަ 45 ދުވަސް ކޯޓުން ދީފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް