ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފި އެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.
މި ޖަލްސާގައި، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއްވެސް ވަނީ ނެރެފަ އެވެ.
"އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި ކަސްޓަމްސްގެ ތާރީޚާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ.
މި ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފަ އެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ 'ރައީސުލްޖުމްހޫރިއްޔާގެ ކުލަ' 4 އޮފިސަރަކަށް ވަނީ އަރުވާފަ އެވެ.
މީގެ އިތުރުން ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދެއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް