ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދަޢުލަތުގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ރަސްގެފާނު ސަލްމާން ނެރުއްވި ޤަރާރަކުން، ޖޮއިންޓް ފޯސަސްގެ އައު ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ޖެނެރަލް ފައްޔާޟް އަލްރުވައިލީއެވެ. މި ބަދަލު ގެނެސްފައި މިވަނީ، ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތައް އަލުން ހިފުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައި، ޔަމަނުގެ ސަރުކާރުގެ ވަގުތީ ވެރިރަށް ޢަދަން (އޭޑެން) ޙިމާޔަތްކުރުމަށް ކޯލިޝަން ފައުޖުތަކަށް މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޔަމަނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ކޯލިޝަން ފައުޖުތަކުން މިހާރު ދަނީ ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައިވާ ސަރަޙައްދުތަކުން ފަހަތަށް ޖެހި، ޢަދަން ދިފާޢުކުރުމަށް ސަމާލުކަން ދެމުންނެވެ. ބާބުލް މަންދަބަކީ، އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްއެޅިފައިވާއިރު، ސަޢޫދީގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރަމުންދާ މުހިންމު މަގެކެވެ.
ފާއިތުވި ސެޕްޓެމްބަރު މަހު ހޫޘީން ދިން ވަރުގަދަ ޙަމަލާތަކުގައި މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ މޯކާ ހިމެނޭހެން ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގެ ބާރު ސަރުކާރަށް ވަނީ ގެއްލިފައެވެ. އަދި އޭގެ ފަހުން ތަޢިއްޒު ސިޓީވެސް ހޫޘީން ވަނީ މުޅިން ބަންދުކޮށް، ޙިޞާރުކޮށްފައެވެ. ސަރުކާރުގެ ސިފައިން ބާބުލް މަންދަބު ކައިރިން މުހިންމު ސަރަޙައްދުތަކެއް މިދިޔަ ހޫނުމޫސުމުގައި ހިފި ނަމަވެސް، މޯކާ އަނބުރާ ހޯދިފައެއް ނުވެއެވެ.
މިހާރު ހޫޘީ ހަނގުރާމަވެރިން ޢަދަން ސިޓީގެ އުތުރުން 60 ކިލޯމީޓަރު ކައިރިއަށް ޖެހިލުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ ޢަދަން ވަށައިގެން ދިފާޢީ އައްޑަނަތައް ވަރުގަދަކުރަން ފަށާފައެވެ. ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މަޖީދު އަލްނުޒައިލީ ސޯޝަލް މީޑިއާ 'އެކްސް' ގައި ވިދާޅުވީ، ސިފައިން ފަހަތަށް ޖެހުމަކީ ވަގުތީ ވެރިރަށް ޢަދަން ޙިމާޔަތްކުރުމަށްޓަކައި ގެނައި އަސްކަރީ ޙިކުމަތްތެރި ބަދަލެއް ކަމަށެވެ.
ހަނގުރާމަ ވަރުގަދަވަމުންދާއިރު، އާންމުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ވެރިރަށް ސަންޢާއަށް ކޯލިޝަނުން ވައިގެ މަގުން ޙަމަލާތަކެއް ދީފައިވާ ކަމަށާއި، ތަޢިއްޒުގެ ސްކޫލަކަށް ދިން ޙަމަލާއެއްގައި އާންމުންގެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން، ތަޢިއްޒުގެ ހޮސްޕިޓަލްތަކުން ތެލާއި އޮކްސިޖަން ހުސްވެ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޚިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސިއްޙީ އޮފިޝަލުން ވަނީ ދީފައެވެ.
ހަނގުރާމައިގެ ނުތަނަވަސްކަން އިތުރުވެފައިވާއިރު، މައްކާ އަދި ރިޔާޟް ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ހޯމަ ދުވަހު ވަނީ ބުނެފައެވެ. ސަޢޫދީގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތައް ދެމުން ގެންދަނީ މިދިޔަ ޖުލައި މަހު އަލުން ހަނގުރާމަ ފެށުނު ފަހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް