މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
މިސައިލް ވައްޓާލިކަން ކޯލިޝަނުން އިޢުލާނުކޮށްފައި މިވަނީ، ސްޓްރެޓީޖިކް މުހިންމު ބަނދަރެއް ކަމަށްވާ ޔަންބުއާ ކައިރި ސަރަޙައްދުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސަޢޫދީގެ ސިވިލް ޑިފެންސް އެޖެންސީން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް، ކުޑައިރުކޮޅެއް ފަހުން އެ އެޖެންސީން ވަނީ އެ ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ބުނެފައެވެ.
ޔަންބުއަކީ ތެޔޮ ބޭރުކުރާ މައިގަނޑު މަރުކަޒެއްގެ އިތުރުން، ސަޢޫދީގެ އީސްޓް-ވެސްޓް ހޮޅައިން ގެންދާ ތެޔޮ ބޭރު ދުނިޔެއަށް ފޮނުވުމުގައި ބޭނުންކުރާ މުހިންމު ބަނދަރެކެވެ. ޚާއްޞަކޮށް މިދިޔަ ފެބުރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި މި ބަނދަރާއި ހޮޅައިގެ ދައުރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މަދީނާއަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނެ ސަޢޫދީން ކުރި ތުހުމަތުތައް ދޮގުކުރަމުން، ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު އެކްސްގައި ވިދާޅުވީ، އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ ޖަމާޢަތުގެ އޮޕަރޭޝަންތައް އަމާޒުކުރަނީ ހަމައެކަނި ތެލުގެ ވަސީލަތްތަކަށާއި އަސްކަރީ މަރުކަޒުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި މަސްތަކުގައި އެއާޕޯޓްތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ތެރޭގައި ޙޫޘީން ވަނީ ޔަންބު ބަނދަރަށް ވެސް އެތައް ފަހަރަކު އަމާޒުކޮށްފައެވެ.
މި ހަމަލާއާ ދިމާކޮށް، ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުގެ ފައުޖުތަކުން ވަނީ ތާއިޒް ޕްރޮވިންސްގެ ސަނަމާތު ސަރަޙައްދުގައި ވަރުގަދަ ކުރިއެރުންތަކެއް ހޯދާފައެވެ. ސަރުކާރުން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ސަނަމާތުގެ ކޮންޓްރޯލް ނަގައި، ޙޫޘީންގެ 400 ހަނގުރާމަވެރިން މަރާލައި، އަދި ހަނގުރާމަމަތީ 132 އުޅަނދާއި ހަތިޔާރު ވަނީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައިވާ މުހިންމު ސަރަޙައްދުތަކާއި ދުބާބް ޑިސްޓްރިކްޓް ވެސް ވަނީ އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އަދި އަލް-ޖައުފް ސަރަޙައްދުގައި ސަރުކާރުގެ އިންޖިނިއަރިން ޔުނިޓްތަކުން ދަނީ ޙޫޘީން ވަޅުލާފައިވާ މައިންތަކާއި މަޅިތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ހާމަކުރި ގޮތުގައި އޮކްޓޫބަރު 5 އިން ފެށިގެން މިހާތަނަށް ޙޫޘީންގެ 16،100 އޮޕަރޭޓިވުންނާއި ކޮމާންޑަރުން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ. ނަމަވެސް ޙޫޘީން މި އަދަދުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޞަންޢާ ސެންޓަރ ފޮރ ސްޓްރެޓީޖިކް ސްޓަޑީޒްގެ ރިސާޗް މެނޭޖަރ ޔަޒީދު އަލް-ޖައްދާވީ އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި ސަރުކާރުން ދިން ހަމަލާތަކުން ބާރުގެ ހަމަހަމަކަމަށް ބޮޑު ބަދަލެއް އައިސްފައިނުވާތީ، މި ހަނގުރާމަ ދިގުދެމިގެންދާ ފަދަ ޙާލަތަކަށް ބަދަލުވަމުންދާ ކަމަށެވެ. އަދި މިހާރު މި ހަމަނުޖެހުމަކީ ހަމައެކަނި ޔަމަނުގެ އެތެރޭގެ ކަމެއް ނޫން ކަމަށާއި، މިއީ ސަރަޙައްދީ ކުރިމަތިލުންތަކާއި އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައާ ގުޅިލާމެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް