ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި
ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތިކަމެއް ކަމަށް ބުނެ، އެކަން ކުރުމަށް ދެކޮޅުހެދި އިޓަލީގެ ޝެފަކު އޮސްޓްރޭލިއާގެ ބްރިސްބަންގެ ރެސްޓޯރެންޓަކުން ވަޒީފާއިން ވަކިކޮށްފިއެވެ.
މިހާރު ބަންދުކޮށްފައިވާ "ލާ ކޮސްޓާ" ރެސްޓޯރެންޓުން ވަކިކުރީ ޑޭވިޑް ޓަމްބުރެއްލާ ނަމަކަށް ކިޔާ ޝެފެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ އޭނާގެ މިޒާޖާއި އަމަލުތަކާ ގުޅޭގޮތުން މެނޭޖްމަންޓުން ހިތްހަމަނުޖެހި، މަޝްވަރާ ބައްދަލުވުމެއް ބޭއްވިތާ ދެ ހަފުތާ ފަހުންނެވެ.
މެނޭޖްމަންޓުގެ ޝަކުވާތަކުގެ ތެރޭގައި، ރެސްޓޯރެންޓުގައި ބޭއްވި ހަފުލާއަކަށް އައި މެހުމާނުންނަށް ހޭމް އަދި އަލަނާސި އެޅި ޕިއްޒާ ތައްޔާރުކޮށްދިނުމަށް ޓަމްބުރެއްލާ ދެކޮޅުހެދި މައްސަލަ ހިމެނެއެވެ. އެ ވަގުތު އޭނާ ބުނެފައިވަނީ މެނޭޖްމަންޓުން އަންގާ އެންގުމަކީ އޭނާގެ ސަގާފަތަށް ކުރާ އިހްތިރާމްކުޑަވާ ކަމެއް ނަމަ، ތަބާވާން ނުޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ ތަފުސީލުތައް ފެންމަތިވީ، އޭނާ ވަޒީފާއިން ވަކިކުރީ ނާއިންސާފުން ކަމަށް ބުނެ އޮސްޓްރޭލިއާގެ ފެއާ ވޯކް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.
އަންގާރަ ދުވަހު ނެރުނު އެ ކޮމިޝަނުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓަމްބުރެއްލާ ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދީ އިޓަލީ މީހެއްގެ ގޮތުން ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ ފުރައްސާރައެއް ކަމަށް ދެކޭތީއެވެ. އަދި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޕިއްޒާގައި އެ މޭވާ ބޭނުންކުރުމަށް އޭނާ ދެކޮޅުހެދި މިއީ ތިންވަނަ ފަހަރު ކަމަށް ވެސް ކޮމިޝަނުން ފާހަގަކުރިއެވެ. މީގެ ކުރިން އޭނާ ވަނީ ޕިއްޒާއަށް އަލަނާސި ނޭޅުމަކީ އިޓަލީ މީހުންނަށް ކިހާ މުހިންމު ކަމެއްތޯ ބަލައިލުމަށް ވެރިޔާގެ ކިބައިން އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ރެސްޓޯރެންޓް ހިންގި ކުއީންސްލޭންޑަކީ އޮސްޓްރޭލިއާގެ ވިޔަފާރި އުސޫލުން އަލަނާސި ހައްދާ މައި ސަރަހައްދެވެ. އަދި އެ ސަރަހައްދުގެ ސަންޝައިން ކޯސްޓުގައި 16 މީޓަރު އުސްމިނުގެ "ދަ ބިގް ޕައިނެޕަލް" ގެ ނަމުގައި ހަދާފައިވާ ބޮޑު މޮޑެލްއަކީ ގިނަ ފަތުރުވެރިން ފޮޓޯ ނެގުމަށް ޒިޔާރަތްކުރާ މަޝްހޫރު ތަނެކެވެ.
އަލަނާސީގެ މައްސަލައިގެ އިތުރުން، ޓަމްބުރެއްލާ ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި، އޭނާގެ މުއާމަލާތްކުރުމުގެ ވައްޓަފާޅިއާއި، މަސައްކަތުގެ މާހައުލުގައި ރުޅިގަދަވެގެން ހިންގާފައިވާ ކަންކަމުގެ ޝަކުވާ ވެސް މެނޭޖްމަންޓުން ވަނީ ކޮށްފައެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހު މަސައްކަތުގެ މާހައުލުގައި ރުޅިގަދަވެގެން ދަގަނޑު ހޭންޑްރެއިލްއެއްގައި ޖެހުމުގެ ސަބަބުން އޭނާގެ ކަނާތު އަތުގެ ކަށިގަނޑެއް ބިނދިގެން ދިޔަ ހާދިސާއެއް ވެސް ކޮމިޝަނުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ޓަމްބުރެއްލާ އުއްމީދުކޮށްގެން ހުރީ އެ ރެސްޓޯރެންޓް މެދުވެރިކޮށް ދާއިމީ ރަށްވެހިކަން ލިބޭ ވިސާއަކަށް ސްޕޮންސާ ހޯދުމަށެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރުމާ ގުޅިގެން ރެސްޓޯރެންޓުން ވަނީ އެ މަރުހަލާ ވެސް ހުއްޓާލާފައެވެ. ކޮމިޝަނުން އޭނާގެ މައްސަލަ ބޭރުކޮށްލީ، ވަޒީފާއިން ވަކިކުރި މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
ރެސްޓޯރެންޓުގެ މެނޭޖިން ޑިރެކްޓަރު އެލިއަޓް އިންގްރަމް "ޑެއިލީ މެއިލް" އަށް ބުނެފައިވަނީ، މި މައްސަލައަކީ ހަމައެކަނި ޕިއްޒާގެ މަތީގައި އަޅާ އެއްޗަކަށްވުރެ މާ ފުޅާ އަދި ސީރިއަސް މައްސަލަތަކެއް ހިމެނޭ ކަމެއް ކަމަށެވެ.
ޓަމްބުރެއްލާގެ ލިންކްޑްއިން ޕްރޮފައިލްގައި އޭނާ ސިފަކޮށްފައިވަނީ މީރު ކާނާ ތައްޔާރުކުރުމަށާއި ވިޔަފާރި ކުރިއެރުވުމަށް އަބަދުވެސް އިސްކަންދޭ މީހެއްގެ ގޮތުގައެވެ. އަދި މީގެ ތިން މަސް ކުރިން އޭނާ ވަނީ "ކާބޯތަކެތީގެ ބާވަތްތަކަށް އިހުތިރާމްކުރުން" މި މައުޟޫއަށް ޝެފުންނަށް ހާއްސަކޮށް ސިޓީއެއް ވެސް ޕޯސްޓުކޮށްފައެވެ.
އޭނާގެ ލިންކްޑްއިން ޕްރޮފައިލް ދައްކާގޮތުން، މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ބްރިސްބަންގެ އެހެން ރެސްޓޯރެންޓެއްގައެވެ. އެ ރެސްޓޯރެންޓުގެ މެނޫގައި އަލަނާސި ހިމެނިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް