ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ ދަށުން، ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމުގެ ބޮޑު އޮޕަރޭޝަނެއް ސައުދީ އަރަބިއްޔާގައި ފަށައިފިއެވެ.
ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. "ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމް" ގެ ދަށުން ކުރިއަށްދާ މި އޮޕަރޭޝަނުގައި އެކި ދާއިރާތަކުގެ 44 މެޑިކަލް މާހިރުން ބައިވެރިވެއެވެ.
ޑރ. އަބްދުالله ބިން އަބްދުލްއަޒީޒް އަލް ރާބިއާ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ނުވަ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާ، ކާމިޔާބުވުމުގެ 70 އިންސައްތަ ފުރުސަތު އޮތް އޮޕަރޭޝަނެކެވެ. މި ދެބެން ސައުދީއަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭގެ ފަހުން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި މި ދެބެންގެ އުނަގަނޑާއި، ބުރަކަށީގެ ކަށިގަނޑުގެ އިތުރުން ގޮހޮރުގެ ބައެއް ވަނީ ގުޅިފައެވެ.
މި އޮޕަރޭޝަން ކުރިއަށްދަނީ ރިޔާޒްގައި ހުންނަ ކިންގް އަބްދުالله ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގައެވެ. މިއީ ޓެންޒޭނިއާގެ ގުޅިފައިވާ ކުދިން ވަކިކުރުމަށް ސައުދީން ކުރިއަށްގެންދާ ހަތަރުވަނަ އޮޕަރޭޝަނެވެ.
1990 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ގުޅިފައިވާ 160 އަށްވުރެ ގިނަ ކުދިންނަށް ވަނީ ފަރުވާ ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް