ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
ހޫތީ ޖަމާއަތުގެ ބާރު އޮންނަ ޔަމަނުގެ ދެ ސަރަހައްދެއް ކަމަށްވާ މޯކާ އާއި އަލް-ޝަމާޔަތައިން އަށް ސައުދީން ހަމަލާދީފިއެވެ.
އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ. މި ހަމަލާތައް ދީފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަނުގެ ސަރުކާރާ ގުޅިފައިވާ އަސްކަރީ ބާރުތަކުން ހޫތީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، ޔަމަނު ސަރުކާރުގެ ސިފައިން ދަނީ، ތައީޒްގެ އިތުރުން ސާދާ އަދި ވެރިރަށް ސަންއާގައި ވެސް ހޫތީންނާ ދެކޮޅަށް ހަމަލާތައް އަމާޒުކުރަމުންނެވެ. ސަންއާއަކީ ހޫތީ ޖަމާއަތުން 2014 ވަނަ އަހަރު ހިފާފައިވާ ޔަމަނުގެ ވެރިރަށެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް ނުވަތަ ތަނެކަށް ގެއްލުން ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަލް މަސީރާ ޓީވީގެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ. އަލް މަސީރާ ޓީވީ އަކީ ހޫތީ ޖަމާއަތުން ހިންގަމުންދާ ނޫހެކެވެ.
ހޫތީން ދަނީ ސައުދީއަށް މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒުކުރަމުންނެވެ. އެގޮތުން، އެ ޖަމާއަތުން ވަނީ މިހާތަނަށް ސައުދީގެ އެންމެ ބޮޑު އެއާޕޯޓަށް އެކިފަހަރުގެ މަތިން މިސައިލް ފޮނުވާ، ސައުދީގެ ތެޔޮ ރައްކާކުރާ ކާރުހާނާތަކަށްވެސް ހަމަލާދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް