ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކި ކަންކޮޅަށް ރަތް ސަމާލު ނެރެފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.
މި ސަރަހައްދުތަކުގެ ވައި ނުސާފުވުން މިހާރު ހުރި މިންގަނޑަކީ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ނުރައްކާ މިންގަނޑެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި މިންގަނޑުން ސިއްހަތު ރަނގަޅު މީހުންވެސް މާގިނަ ވަގުތު ބޭރުގައި އުޅެފިނަމަ، ނޭވާލާން އުނދަގޫވުމާއި ކަރުތެރެ ހިރުވުން ފަދަ ކަންކަން ދިމާވެދާނޭކަމަށް އެލާޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ވައިގެ ނުސާފުވުން މިހާރު ހުރި މިންވަރުން ގިނަވަގުތު ބޭރުގައި ނޫޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.
މެޓް އޮފީހުން މިމަހުގެ 19 ވަނަ ދުވަހު ވަނީ، ދުންފުހުގެ އަސަރު ކުރިއަށް އޮތް 5 ދުވަހު ކުރާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން، އެ އިދާރާއިން ވަނީ، އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މިއަދު ރާއްޖޭގެ ވައި ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުސާފުވެފައިވާއިރު، އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ ވައިވެސް ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. އެގޮތުން، އެ ޤައުމުތަކުން ވެސް ވަނީ ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އޭކިއުއައި މީޓަރުން ދައްކާ ގޮތުގައި 90-130 އަކީ ސާފު ވައިގެ ކޮލިޓީއެވެ. ނަމަވެސް، 130 އަށްވުރެ މައްޗަށް ދާނަމަ އެއީ ރަތް ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށްދާ ނުސާފު ވައިގެ ކޮލިޓީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް