އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ނަމުގައި ބޮޑު މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، އެސްޓީއޯ އަދި އަބޫދާބީގެ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލް.އެލް.ސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިމިވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައެވެ. މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް، އަދި އިޤްޠިޞާދީ މައި މަރުކަޒެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.
ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާހުރި ކުންފުންޏެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަޞީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން ޤައުމަށް އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއްގައި އޮތް އިހަވަންދިއްޕޮޅުގެ ޖިއޮގްރަފީ މައުޤިޢުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އަދި މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި އެތައް ވަޒީފާގެ ފުރުޞަތުތަކެއް އުފެދި، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް