ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ
އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.
މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅާ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމެވެ. އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވަރ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން ދަނީ މަސައްކަތްކުރަމުންނެވެ.
އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް ހިއްސާކުރުމުގެ ނުރައްކާތެރިކަން
މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. ކުށްކުރާ ފަރާތްތަކުން އަތުލައިގަންނަ އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ބޭނުންކޮށްގެން ދަނީ ތިރީގައިވާ ކަންކަން ހިންގަމުންނެވެ.
1. ހުއްދަނެތި އީ-ސިމް (eSIM) ރަޖިސްޓްރީކުރުން: ސްކޭމް ކުރާ ފަރާތްތަކުން އެ މީހުންގެ އަމިއްލަ ފޯނަށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކުރެއެވެ. މީގެ ސަބަބުން އެ މީހާގެ ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް އެ މީހުންނަށް ލިބެއެވެ.
2. ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ހުއްދަނެތި މުއާމަލާތްތައް ހިންގައެވެ.
3. ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ހިންގުން: ވަގަށް ނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް، ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް