ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވަމުންދާ ކަމަށް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ ވިދާޅުވެއްޖެ އެވެ.
ސަފީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ޙައިސިއްޔަތުން، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ދެއްވި ޚާއްޞަ އަހައްމިއްޔަތާއި ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، އެދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވަމުންދާކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ބައްދަލުވުމުގައި، ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ދިވެހިރާއްޖެއިން ޙާޞިލުކުރަމުންދާ ކުރިއެރުމާއި ތަރައްޤީ ފާހަގަކުރައްވައި ތަޢުރީފު ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް