ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި ފިޔަވަޅުއަޅަން އެދިއްޖެ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވެފައިވާ 20 މީހަކު މިވަގުތު ގޭބަންދުގައި ތިބި މައްސަލައެއް ފެންމަތިވެ، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން ޢާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު މިވަގުތު ތިބީ ގޭބަންދުގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ވެސް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއާއެކު ވަނީ ހިމަނުއްވާފައެވެ.
މެންބަރުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށްވެރިންގެ މައްޗަށް ކަފާލާތުގެ ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށް ޕެރޯލްގެ ފުރުޞަތު ނުލިބޭނެކަން ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޤާނޫނުތަކުގެ އަސާސީ މަޤްޞަދަކީ މިފަދަ ކުށްވެރިން ޙުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައިގެން ކުޑަކުދިން ރައްކާތެރިކުރުން ކަމަށްވާއިރު، އެ މީހުން ގޭބަންދަށް ދޫކޮށްފައިވަނީ ކޮން އުސޫލަކުންތޯ ވަނީ ސުވާލު އުފައްދަވާފައެވެ.
މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ނާޒުކު މައްސަލައަކަށް ވާތީ، މިކަމުގައި ޤާނޫނީ ޒިންމާ އޮތް ފަރާތްތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން ކޮމިޓީ މެދުވެރިކޮށް ސާފުކުރުމަށް އެދިވަޑައިގެންފައިވާ މައިގަނޑު ކަންކަމަކީ:
އެ މީހުން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އަދި ކޮން ފަރާތެއްގެ ނިންމުމަކުންކަން.
ގޭބަންދުގައި ތިބުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކަކީ ކޮބައިކަމާއި، އެ ޝަރުޠުތަކަށް ޢަމަލުކުރޭތޯ ބަލަހައްޓަނީ ކޮން ފަރާތަކުންކަން.
އެ މީހުން ތިބި ގެތަކާއި ރަށްރަށުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަމާއި، ރަށު ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ.
އިލެކްޓްރޯނިކް ޓެގް އަޅުވައިގެން އެ މީހުން ބަލަހައްޓާނެ ނިޒާމެއް ނުވަތަ ސިޔާސަތެއް އޮތްތޯ.
އެ ކުށްވެރިން އަނބުރާ ޖަލަށް ގެންދިއުމަށް ކަމާބެހޭ ވުޒާރާއިން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަން.
މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މައްސަލައަށް އަވަސް އަދި ހަރުދަނާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ރައީސަށް އިލްތިމާސްކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް