ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި ކަމަށާއި، އިޤްތިޞާދުގެ މައިގަނޑު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން ނެރުނު މަންތްލީ އިޤްތިޞާދީ ތަފާސްހިސާބު ރިޕޯޓާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން އާންމުކުރި 'މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެއިޤްތިޞާދަށް ވަނީ 4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިއަލް އެސްޓޭޓް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، އަދި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެން ދިއުމެވެ.
އެމް.ބީ.އެސް އިން އަންދާޒާކުރާ ގޮތުގައި، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ އަހަރަށްވުރެ 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެއިތުރުން އަހަރީ ކުރިއެރުން އޮގަސްޓު މަހު ހުރި 2.4 އިންސައްތައާ އަޅާބަލާއިރު މަތިވެފައިވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
ރިއަލް އެސްޓޭޓް، ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާ ކުރިއަށް
މި މުއްދަތުގައި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެ ދާއިރާއިން 0.9 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވެއެވެ. އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވާއިރު، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފައެވެ.
އަހަރުން އަހަރަށް ބަލާއިރު އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 އިންސައްތަ ކުރިއަރައި 457 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ހަމައެއާއެކު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 އިންސައްތަ ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ އެތެރެކުރެވުނު (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއަށް ވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
ފުރަތަމަ ނުވަ މަސްދުވަހުގެ އިޤްތިޞާދީ ކުރިއެރުން މަތިވުން
2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ވަނީ މަތިވެފައެވެ. އެމް.ބީ.އެސްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ޖުމްލަ ޢަދަދު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮގަސްޓު މަހާ އަޅާބަލާއިރު ހަރަކާތްތެރިކަން މަޑުޖެހުން
ނިމިދިޔަ އޮގަސްޓު މަހާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ ދުވެލި ވަނީ 11.6 އިންސައްތަ ނުވަތަ 1.12 ބިލިއަން ރުފިޔާ ދަށްވެފައެވެ. ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދިން ފަތުރުވެރިކަމުގެ ދާއިރާ ވަނީ މަހުން މަހަށް ބަލާއިރު 29.5 އިންސައްތަ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. ނަމަވެސް، މި ހަމަނުޖެހުންތައް ނިމުމަކަށް އައުމުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މަހުން މަހަށް ބަލާއިރު އައި ދަށްވުމަކީ 2024 އަދި 2025 ވަނަ އަހަރު ވެސް އޮގަސްޓު މަހުން ސެޕްޓެމްބަރު މަހަށް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހޭ އާންމު އުސޫލުގެ މަތިން އައިސްފައިވާ ބަދަލެއްކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް