ވިޔަފާރި މާކްތައް ހިމާޔަތްކުރާ ޓްރޭޑްމާކް ގާނޫނަށް އަމަލުކުރަން ފަށައިފި
ދިވެހިރާއްޖޭގައި ޓްރޭޑްމާކް ރަޖިސްޓަރީކޮށް، މާކްތަކުގެ ވެރިފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ހިމާޔަތްކޮށްދޭ ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލި ޓްރޭޑްމާކްގެ ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.
މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 11 ނޮވެމްބަރު 2025 ގައެވެ. ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 12 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، މީގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާކްތައް، ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އައު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަލުން ރަޖިސްޓަރީކުރަން ހުށަހަޅަން ޖެހެއެވެ. ގާނޫނުގެ 49 ވަނަ މާއްދާ ބުނާ ގޮތުން އެ މުއްދަތު ހަމަވުމުން، ކުރީގެ ރަޖިސްޓްރޭޝަންތައް ބާތިލުވާނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، މިއީ ރާއްޖޭގައި ގާނޫނީ ގޮތުން ޓްރޭޑްމާކް ރަޖިސްޓަރީކުރާ ފުރަތަމަ ނިޒާމު ކަމަށެވެ. އަދި މިއީ ދިވެހި ބްރޭންޑްތަކާއި، އުފެއްދުންތަކާއި ވިޔަފާރިތަކުގެ ނަމާއި ހުވިއްޔަތު އަދި އުފެއްދުންތެރިކަން ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ވިޔަފާރިތައް ކުރިއަރުވައި ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމަށާއި މުދާ ނަކަލުކުރުމުން ރައްކާތެރިވުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓްރޭޑްމާކާއި ރަޖިސްޓްރޭޝަންގެ މުއްދަތު
މި ގާނޫނުގައި ޓްރޭޑްމާކެއްގެ ގޮތުގައި ބަލަނީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތް އަނެއް ފަރާތެއްގެ މުދަލާއި ހިދުމަތާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނަކަށެވެ. މީގެ ތެރޭގައި ނަން، އަކުރު، ނަންބަރު، ފިގަރެޓިވް އެލެމެންޓް އަދި ކުލަތަކުގެ އެތުރުން ހިމެނެއެވެ. މާކަކާ ގުޅޭ ހާއްސަ ހައްގު ލިބޭނީ ގާނޫނާ އެއްގޮތަށް އެ މާކެއް ރަޖިސްޓަރީކުރުމުންނެވެ.
ޓްރޭޑްމާކް ރަޖިސްޓްރޭޝަނެއްގެ މުއްދަތަކީ 10 އަހަރެވެ. އަދި ފީ ދައްކައިގެން ކޮންމެ 10 އަހަރަކުން އެ ރަޖިސްޓްރޭޝަން އާކުރެވޭނެއެވެ. މުއްދަތު ހަމަވުމުގެ ކުރިން އާނުކުރެވިއްޖެނަމަ، އިތުރު ފީއަކާއެކު 6 މަސްދުވަހުގެ ތެރޭގައި އާކުރުމުގެ ފުރުސަތުވެސް ލިބިދެއެވެ.
މީގެ އިތުރުން މުދަލުގެ ފެންވަރު ސެޓިފައިކުރާ 'ސެޓިފިކޭޝަން މާކް' އާއި، ޖަމްއިއްޔާތަކާއި ފެޑަރޭޝަންތަކުގެ މެންބަރުންގެ މުދާ ތަފާތުކުރާ 'ކަލެކްޓިވް މާކް' ވެސް ރަޖިސްޓަރީކުރެވޭނެއެވެ. އެހެން ނަމަވެސް، ވަކި ހާއްސަ ސިފައެއް ނެތް ނިޝާންތަކާއި، ހަމައެކަނި މުދަލުގެ ބާވަތް، ފެންވަރު، އަގު ނުވަތަ އުފެއްދި ތަން ދޭހަކޮށްދޭ ނިޝާންތަކާއި، މުދަލެއްގެ އާންމު ނަމާއި، އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފު ނިޝާންތައް ރަޖިސްޓަރީ ނުކުރެވޭނެ ކަމަށް ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ހައްގުތައް ހިމާޔަތްކުރުމާއި އަދަބުތައް
ރަޖިސްޓަރީކޮށްފައިވާ މާކެއްގެ ވެރިފަރާތުގެ ހުއްދައެއް ނެތި، އެއްގޮތް ނުވަތަ އެއްވައްތަރު ނިޝާނެއް ބޭނުންކޮށްގެން އޮޅުން އަރާނެހެން މުދަލުގެ ވިޔަފާރީގައި ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްގު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި މަޝްހޫރު މާކްތަކަށް އިތުރު ހިމާޔަތެއް ލިބިދޭއިރު، ތަފާތު މުދަލަކާ ގުޅޭގޮތުން ބޭނުންކުރި ނަމަވެސް، އެ މާކާ ގުޅުމެއް އޮތްކަން ދައްކައި ވެރިފަރާތަށް ގެއްލުން ލިބޭނަމަ އެކަންވެސް ހުއްޓުވޭނެއެވެ.
ހައްގަކަށް އަރައިގެންފިނަމަ، އެކަން އެނގޭތާ ނުވަތަ އެނގެން ޖެހޭތާ 5 އަހަރު ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ. އަދި ގެއްލުން ހުއްޓުވުމަށާއި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރާއި، ކުއްލި ހާލަތްތަކުގައި އަނެއް ފަރާތުގެ ޣައިރު ހާޒިރުގައި ފިޔަވަޅު އެޅުމުގެ އިހުތިޔާރުވެސް ޝަރީއަތަށް ލިބެއެވެ. ގެއްލުމުގެ ބަދަލު ކަނޑައަޅާއިރު، މާކްގެ ވެރިފަރާތުން ހުށަހަޅާ ރީޓެއިލް އަގަށް ކޯޓުން ރިއާޔަތްކުރަން ޖެހެއެވެ.
މީގެއިތުރުން، ބޯޑަރުގައި ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އެތެރެކުރާ މުދަލަކީ ހައްގަށް އަރައިގަންނަ މުދަލެއް ކަމަށް ޝައްކުކުރެވޭނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް މެދުވެރިކޮށް އެ މުދަލެއް ހިފެހެއްޓުމަށް އެދެވިދާނެއެވެ. އެކަށީގެންވާ މައުލޫމާތާއެކު ހުށަހަޅައިފިނަމަ، ގިނަވެގެން 3 ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ގޮތެއް ނިންމަން ޖެހޭނެއެވެ. ނަމަވެސް، އަމިއްލަ ބޭނުމަށް ގެންނަ މުދާ މި މާއްދާއިން އިސްތިސްނާވާނެއެވެ.
ވިޔަފާރި އުސޫލުން ގަސްދުގައި މާކެއް ކައުންޓަފީޓްކުރުމާއި، އެފަދަ މުދަލުން ވިޔަފާރިކުރުމަކީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ މުދާތައް ދައުލަތަށް ނެގުމަށް ނުވަތަ ނައްތާލުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީއާއި، ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އަދި ކަސްޓަމްސް ގުޅިގެން ގެޒެޓުކުރަން ޖެހެއެވެ. ޓްރޭޑްމާކް ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަން ހިންގާނީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުން ކަމަށާއި، ރަޖިސްޓްރޭޝަން ޕޯޓަލް ހުޅުވާލާނީ ގަވާއިދު ޝާއިއުކުރުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް