ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި
ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރޭގައި، ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯދައިފިއެވެ. މި ފައިސާތައް ފެނިފައިވަނީ ދަނޑުވެރިކަންކުރާ އިމާރާތްތަކުގައާއި، ޖަންގަލިތަކުގެ އަޑީގައި ވަޅުލާފައި ހުއްޓައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އޯރްބާންގެ 16 އަހަރުގެ ވެރިކަމުގައި ހަތަރު އަހަރު ދުވަހު ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރެއްވި މިކްލޯސް ސެސްޓާކްގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ދައުލަތުގެ ދަތުރުފަތުރާ ބެހޭ ކުންފުންޏާ ގުޅުންހުރި މަޝްރޫޢުތަކަކުން ރިޝްވަތު ނެގި ކަމަށެވެ. ނަމަވެސް އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ހަންގޭރީގެ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް (އެންވީވީއެޗް) އިން ބުނި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ހިންގި މި އޮޕަރޭޝަނުގައި ތަޙުޤީޤު ޓީމުތަކަށް ވަނީ ތިޖޫރީތަކުގައާއި، ޖަންގަލީގެ އަޑީގައި އަދި އެކި ވޭއާހައުސްތަކުގައި ފޮރުވާފައި ހުރި ގިނަ ޢަދަދެއްގެ ނޫޓުބޮނޑިތައް ފެނިފައެވެ. ފެނުނު ފައިސާގެ ޖުމްލަ ޢަދަދު 19.5 މިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރޭގައި 5.07 ބިލިއަން ފޮރިންޓާއި، 2.6 މިލިއަން ޔޫރޯ އަދި 1.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މި ފައިސާތައް މިހާރު ވަނީ ދައުލަތުގެ ޚަޒާނާއަށް ޖަމާކޮށްފައެވެ.
މި އޮޕަރޭޝަނަށްފަހު ހަންގޭރީގެ އައު ބޮޑުވަޒީރު ޕީޓަރ މަގްޔާރު ވިދާޅުވީ، މިއީ އެ ޤައުމުގައި އޮތް "މާފިއާ" ނިމުމަކަށް އައުން ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވަޢުދާއެކު މިދިޔަ އެޕްރީލް މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި މަގްޔާރުގެ ސަރުކާރުން ވަނީ އޯރްބާންގެ ވެރިކަމުގެ ކޮރަޕްޝަންތައް ބެލުމަށް "އޮޕަރޭޝަން ޕާގަޓަރީ" ގެ ނަމުގައި ޚާއްޞަ އިދާރާއެއް (އެންވީވީއެޗް) އުފައްދާފައެވެ.
އޯރްބާންގެ ދިގު ވެރިކަމުގައި ގާތް މީހުންނަށް ދަޢުލަތުގެ ބޮޑެތި ޕްރޮޖެކްޓްތައް ދީ، ކޮރަޕްޝަން ޢާންމުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސެސްޓާކް ހިމެނޭހެން ކުރީގެ ދެ ވަޒީރަކާއި، ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ޖޯޖީ މަޓޮލްސީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަފުތާގެ ހޯމަ ދުވަހު އޯރްބާންގެ ކޮއްކޮ ހިމެނޭހެން ހަތަރު މީހަކު މީހުން ސްމަގުލްކުރުމުގެ މައްސަލައެއްގައި ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި ތަޙުޤީޤުތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާން ވިދާޅުވީ، މިއީ ސިޔާސީ ބަދަލުހިފުމެއް ކަމަށާއި، މި "މުޑުދާރު ކުޅިވަރުގެ" ޙަޤީޤީ އަމާޒަކީ ސިޔާސީ ވާދަވެރިން ނައްތާލުން ކަމަށެވެ. އަދި އޭނާގެ ކޮއްކޮއަކީ ހަމައެކަނި ބޭނުންކުރާ ވަސީލަތެއް ކަމަށާއި އަސްލު އަމާޒަކީ އޭނާ ކަމަށްވެސް އޯރްބާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް