އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅު ތެރޭގައި ހިމެނޭ އިހްތިރާމް އަދާކުރުމުގެ ޤައުމީ މަސްރޫޢު ރަސްމީކޮށް މިރޭ އިފްތިތާހްކޮށްފިއެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ފައްޓަވައިދެއްވީ މިކަމަށްޓަކައި މާފަންނު ޓްރެކްދަނޑުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. މި ަރސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ. މި މަޝްރޫޢުގެ ދަށުން އެކުލަވާލާ ކަންކަން ފަސް އަހަރުދުވަހުގެ މުއްދަތަކަށް ވަނީ ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ޕްރޮގްރާމްގެ ކަންކަން ކުރިއަށްގެންދަނީ މިކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއަކުން ވިލަރެސްކުރާ ގޮތަށެވެ. މި ކޮމިޓީގައި ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމްލަ 9 މެންބަރުން ހިމެނެއެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިފަދަ މަޝްރޫޢުއެއް ފައްޓަވަން ނިންމެވި މައިގަނޑު ސަބަބަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމު އަދާކުރުމުގެ ސިފަ އަލުން އަށަގަންނުވައި، އިހްތިރާމް އަދާކުރުމުގެ ސިފަ އިހު އޮތްގޮތަށް އިއާދަކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މުޖުތަމައުގެ މިއަދު އޮތް ހާލަަތށް ބަލައި މި މަޝްރޫޢު ފެށުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އިހްތިރާމް އަދާކުރުމުގެ މި މަޝްރޫޢު އިޢުލާންކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު އދ. މަހިބަދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް