ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ތުރުކީވިލާތާއި ޤަޠަރާ ދެމެދު އަސްކަރީ ގޮތުން އެއްބާރުލުންދީ، ދެފަރާތުގެ ދިފާއީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި މުހިންމު ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ ކޮންމެ ގައުމެއްގެ އިސްތިގުލާލަށް ބޭރުގެ އެއްވެސް އުދުވާނެއް ނުވަތަ ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި، ގުޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ އިގުރާރުވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވުނު 'ތުރުކީ-ޤަޠަރު ސުޕްރީމް ސްޓްރެޓީޖިކް ކޮމިޓީ' ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދެ ގައުމުގެ އެންމެ އިސްވެރިންގެ ހައިސިއްޔަތުން ސޮއިކުރެއްވީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އަދި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީއެވެ. މި އެއްބަސްވުން އެކުލަވައިލެވިފައި މިވަނީ، ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ މައުސޫމު ރައްޔިތުންނަށާއި މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ޣައިރުގާނޫނީ ހަމަލާތަކުގެ ސަބަބުން މަސްލަހަތު ނުހަނު ގޯސްވެ، ހޮރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ ސުލްހައާއި ސްޓްރެޓީޖިކް ހަމަޖެހުން ދެމެހެއްޓުން ކަމަށެވެ. ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވާގޮތުން، މި އެއްބަސްވުމަކީ ހަމައެކަނި ދެ ގައުމުގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެޅުނު ފިޔަވަޅެއް ނޫނެވެ؛ މިއީ މުޅި ސަރަހައްދުގެ އިސްތިގުރާރަށްޓަކައި ވެވުނު މުހިންމު އަހުދެކެވެ. މިގޮތުން، ދިފާއީ ސިޔާސަތުތައް ވިލަރެސްކުރުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ފުޅާކުރުމުގެ އިތުރުން އަސްކަރީ އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ތަޢުލީމީ ދާއިރާއާއި، ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާ ގުޅޭ އިތުރު އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފައެވެ.
އަސްކަރީ އަދި ސިޔާސީ މުޙައްލިލުން ފާހަގަކުރައްވާ ގޮތުގައި، މިއީ އެއްވެސް ގައުމަކަށް އިސްވެ ހަމަލާދިނުމުގެ މަގްސަދުގައި އެކުލަވައިލި އިއްތިހާދެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ދެ ގައުމަށް އަމާޒުވެދާނެ ކޮންމެ ނުރައްކަލަކުން ދިފާއުވުމަށާއި، ބޭރުގެ އުދުވާނުތަކަށް އެކަށީގެންވާ ރައްދު ދިނުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދިނުމަށް އެޅި ދިފާއީ އައްޑަނައެކެވެ. އެގޮތުން މި ދަނޑިވަޅުގައި މިފަދަ އެއްބަސްވުމެއް ވުޖޫދަށް އައުން މުހިންމުވަނީ، އިސްރާއީލުގެ އުދުވާންތައް އިތުރުވަމުންދިއުމާއި، ހުޅަނގުގެ ބާރުތަކުން ސަރަހައްދީ ސަލާމަތް ކަށަވަރުކޮށްދޭނެ ކަމަށް އޮތް އިތުބާރު ކުޑަވަމުންދާތީ، އިސްލާމީ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ ދިފާއީ ބާރު ވަރުގަދަކުރަން މަޖުބޫރުވެފައިވާތީ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ބައްދަލުވުމުގައި ޤަޠަރާއި ތުރުކީން ވަނީ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށާއި، ސަރަހައްދީ ކޯޅުންތަކާއި އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ މައްސަލަތައް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ގޮވާލާފައެވެ.
ދުނިޔޭގެ މަސްރަހުގައި ކަނޑުގެ ވިޔަފާރި މަގުތައް ބަންދުވެ، ބޭރުން ހަތިޔާރު ހޯދުމަށް ދަތިތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، އަމިއްލަ ދިފާޢީ ސިނާައަތެއް ބިނާކުރުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. އެގޮތުން ތުރުކީ، ޤަޠަރު، ޕާކިސްތާން އަދި އިންޑޮނޭޝިއާ ގުޅިގެން އެކުލަވައިލި "ބަދުރު" އެއްބަސްވުމަކީ ވެސް މި މިސްރާބަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.
.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް