ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދީފައިވާ ގޮތުގައި، މި ސަމިޓް ކުރިއަށްދާނީ މިހިނގާ ނޮވެންބަރު މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޤައުމީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން ސަމިޓުގެ ހަވާސާގައި ބޭއްވޭ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނާ އެކު ދެފަރާތުގެ ގުޅުން ބަދަހިކުރެއްވުމުގެ މުހިންމު ބައްދަލުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޕް31 ސަމިޓަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ބައިނަލްއަޤްވާމީ ބޮޑު ސަމިޓެކެވެ. މި ސަމިޓުގައި އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމާޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންގެ އިތުރުން މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ދިރާސީ ހޯދުންތައް ޙިއްސާކުރާނެއެވެ.
މި ފަހަރުގެ ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅުނު އެންމެ ވަރުގަދަ ބައިނަލްއަޤްވާމީ ފިޔަވަޅު ކަމުގައިވާ 2015 ވަނަ އަހަރުގެ ޕެރިސް އެގްރީމެންޓުގެ ވެސް އަސްލެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް