މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 11:00 އާ ހަމައަށެވެ.
އެ ވަގުތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12 އާ ހަމައަށް މުޅި ރާއްޖޭގެވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެ ވަގުތުގައި މުޅި ރާއްޖެއަށްވެސް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުން ވިއްސާރަ އަލިވާން ފަށާނީ މާދަމާއިން ފެށިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް